ކޮވިޑް-19: ޗައިނާއިން އުފައްދާ ފަސް ވެކްސިނެއްގެ ދެވަނަ ފޭސްގެ ޓްރަޔަލް ޖުލައި މަހު ނިމޭނެ

ކޮރޯނާ ވައިރަސް---

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޗައިނާއިން މިހާރު އުފައްދަން މަސައްކަތް ކުރަމުންދާ ފަސް ވެކްސިނެއްގެ ދެވަނަ ފޭސްގެ ތަހުލީލްތައް އަންނަ ޖުލައި މަހު ނިމޭނެ ކަމަށް ޗައިނާގެ ސައިންޓިންސްޓުން ބުނެފި އެވެ. ޗައިނާއިން އުފައްދަން މަސައްކަތް ކުރަމުންދާ ވެކްސިންތަކުގައި ބާރު ދަށް ކޮށްފައިވާ "ލައިވް ވައިރަސް" ހިމެނޭ ވެކްސިނާއި "އިންއެކްޓިވް" ވައިރަސް ހިމެނެއެވެ.

ޗައިނާއިން ބުނީ ދެވަނަ ފޭސްގައި ވެކްސިން ދިން މީހުންގެ ގައިން މާބޮޑު ސައިޑް އިފެކްޓެއް ނުފެންނަ ކަމަށާއި ހުރިހާ ކަމެއް ވެސް ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށެވެ.

"ވެކްސިން އުފެއްދުމުގެ މަރުހަލާ ވަރަށް އޮމާންކަމާއެކު އެބަ ކުރިއަށް ދޭ" ޗައިނާގެ ނެޝެނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒެންގް ޔީޒިން ވިދާޅުވިއެވެ.

ވެކްސިން ޓެސްޓުކުރުމުގެ މަރުހަލާގައި މިހާތަނަށް 2575 މީހަކަށް ވަނީ ވެކްސިންތައް ދީފައެވެ. އޭގެ ތެރޭގައި ފުރަތަމަ ފޭސްގައި ވެކްސިންދިން 539 މީހުންވެސް ހިމެނެއެވެ.

"ފުރަތަމަ ފޭސްގައި ކުރިއަށް ގެންދިޔަ ތަހުލީލްތަކުގެ ޑޭޓާތަކުން ދައްކާ އެ ވެކްސިން ރައްތާކެތިކަމަށާއި އެންޓި ބޮޑީވެސް ވެސް އުފައްދާ ކަމަށް" ޒެންގް ވިދާޅުވި އެވެ.

އެއާއެކު ދެވަނަ ފޭސްގައި އެކަންތައްތައް އިތުރަށް ޔަގީންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ބާރު ދަށްކޮށްފައިވާ ލައިވް ވައިރަސް އުފައްދަނީ ޗައިނާގެ ބަޔޯމެޑިކަލް ފާމެއް ކަމަށްވާ ކަން ސިނޯ ބަޔޯ އަދި ޗައިނާގެ އާމީން ހިންގާ އެކެޑަމީ އޮފް މިލިޓަރީ ސައިންސަސް ގުޅިގެންނެވެ. އަދި އިންއެކްޓިވޭޓޭޑް ވައިރަސް ހިމެނޭ އަނެއް ހަތަރު ވެކްސިން އުފައްދަނީ ޗައިނާގެ ބަޔޯޓެކް ގްރޫޕާއި ސިނޮވެކް ރިސާޗް އެންޑް ޑިވެލޮޕްމަންޓްއާއި އަދި އިތުރުކުންފުންޏެއް ގުޅިގެންނެވެ.

އާންމުކޮށް ވެކްސިންގައި "އިންއެކްޓުވޭޓެޑް" ވައިރަސް ހިމެނޭތީ އެ ވެކްސިންތަކަކީ މާބޮޑަށް ވެސް ރައްކާތެރި ވެކްސިންކަމަށް އަބަދު ވެސް ބެލެވެއެވެ.

މައުލޫމާތު: ޗައިނާޑެއިލީ

comment ކޮމެންޓް