ކޮރެއަން އެޔާގެ އެތެރޭގެ ދަތުރުތަކުގައި މާސްކު އަޅަން އަންގައިފި

ކޮރެއަން އެޔާގެ އެތެރޭގެ ދަތުރުތަކުގައި މާސްކު އަޅަން ވަނީ އަންގާފަ -- ފޮޓޯ: ސީޖީޓީއެން

ސޯލް (މެއި 16): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ކޮރެއަން އެޔާގެ އެތެރޭގެ ދަތުރުތަކުގައި ހުރިހާ ފަސިންޖަރުންވެސް މާސްކު އަޅަން ޖެހޭނެ ކަމަށް އެ އެއާލައިނުން އަންގައިފި އެވެ.

ކޮރެއަން އެޔާއިން ބުނި ގޮތުގައި އެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ ދެކުނު ކޮރެއާގެ ސެންޓްރަލް ޑިޒާސްޓާ ރެސްޕޮންސް ހެޑްކުއާޓާސްއިން ދީފައިވާ ލަފަޔާ ގުޅިގެންނެވެ.

އެ އެއާލައިނުން ނެރުނު ބަޔާނުގައިވާ ގޮތުން ކޮރެޔަން އެޔާގެ ޑޮމެސްޓިކް ފްލައިޓުތަކަށް އަރާ ފަސިންޖަރުން ޗެކް-އިން ކައުންޓަރަށްވެސް ދާން ޖެހޭނީ މާސްކު އަޅައިގެންނެވެ. ނަމަވެސް ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހީއާ ނުލާއި މާސްކު ނުނެގޭ ފަރާތްތަކާއި ނޭވާލާން އުނދަގޫވާ ފަރާތްތައް އެ ގަވާއިދުން އިސްތިސްނާ ވާނެ އެވެ.

މީގެ އިތުރުން ކޮރެއަން އެޔާގެ އިންޓަނޭޝަނަލް ފްލައިޓުތަކުގައިވެސް އެ ގަވާއިދަށް އަމަލު ކުރަން ފަށަން ރާވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން އިންޓަނޭޝަނަލް އެޔާ ޓްރާންސްޕޯޓް އެސޯސިއޭޝަނުންވެސް ވަނީ މަތިންދާބޯޓުތަކުގައި ފަސިންޖަރުންނާއި ކުރޫއިން މާސްކު އެޅުމަށް ހިތްވަރުދޭ ކަމަށް ބުނެފަ އެވެ.

ކޮރެއަން އެޔާގެ އިތުރުން އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް އާއި އެމެރިކަން އެއާލައިންސް އާއި ޖެޓްބްލޫ އެއާވޭސް އާއި އެއާ ފްރާންސުންވެސް ވަނީ ފަސިންޖަރުން މާސްކު އަޅަން އަންގާފަ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވައިގެ ދަތުރުތައް މަޑުޖެހިފައި އޮތުމަށް ފަހު، ކޮރެއަން އެޔާއިން ދަނީ އަންނަ މަހު ބޭރުގެ 19 މަންޒިލަކަށް އަނެއްކާވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރި ފަހުން، މި މަހުގެ ފުރަތަމަ ހަފްތާގައި އެގައުމުގެ ވެރިރަށުން ވަނީ 100އަށް ވުރެ ގިނަ މީހުން ހިމެނޭ ވައިރަހުގެ ބޮޑު ކްލަސްޓާއެއް ފެނިފަ އެވެ. އަދި އެގައުމުން މިހާރު ދަނީ އެ ކޭސްތަކާ ގުޅުން ހުރި އެތައް ހާސް މީހުން ޓެސްޓު ކުރަމުންނެވެ.

comment ކޮމެންޓް