ޒަކާތުގެ ގޮތުގައި ދެ މިލިއަން ލިބިއްޖެ

މީހަކު ޒަކާތް ދައްކަނީ: ސަން ފައިލް ފޮޓޯ

މިހާތަނަށް ޒަކާތުގެ ގޮތުގައި ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަދު ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުން އޮންލައިންކޮށް ޒަކާތް ދައްކާފައި ވަނީ 53،597 މީހަކު ކަމަށެވެ.

އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާ އިރު މި އަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާ ނަމަ، މިއީ ރަނގަޅު އަދަދެއް ކަމަށެވެ.

އަދި މި ހާލަތުގައި ވެސް ޒަކާތް ދެއްކުމަށް ރައްޔިތުން އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިިވާ އިިރު، އެ ފައިސާ ދޫކުރަން ނިންމާފައިި ވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. އަދި ފަައިސާ ޖަމާކުރަން ހަމަޖައްސާފައި ވަނީ އެމީހުންގެ އެކައުންޓަށް ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

"ކުރީ އަހަރުތަކުގައި މިނިސްޓްރީއަށް އެމީހުން ގެނެސް ފައިސާ ހަވާލުކުރަނީ. ނަމަވެސް މިހާލަތުގައި އެމީހުންގެ އެކައުންޓަށް އީދު ނަމާދުގެ ކުރިން ފައިސާ ޖަމާ ކުރާގޮތަށް ހަމަޖައްސަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު އެކުލަވާލި ފަގީރުންގެ ލިސްޓަށް ޒަކާތުގެ ފައިސާ ބަހަން ނިންމީ ކޮވިޑް19ގެ ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވަތީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައި ވަނީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުން 1717 މީހަކާއި އަތޮޅުތަކުން 7047 މީހުންނެވެ.

comment ކޮމެންޓް