މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ޒަކާތް ބަހާތީ ހިޔާލުތަފާތުވުން

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ދޫކުރާނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވުމުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކޯވިޑް-19 ގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިވާކަމަށެވެ.

އަދި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހަން ނިންމާފައި ވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށާއި އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ހާލަތާ މި އަހަރުގެ ހާލަތު ތަފާތު ކަމަށެވެ.

"މި އަހަރު އެތައް ބައެއްގެ ވަޒީފާ ގެއްލު މީހުން ހާލުގައި ޖެހިފައިވާއިިރު، މިދިޔަ އަހަރުގެ ލިސްޓަށް އަމަލުކުރުމަކީ ޝަރުއީ ނަޒަރުން ބަލާއިރުވެސް ހަމަޖެހޭ ކަމެއް ނޫން. ދީނީ ކަންކަން ކުރަން ޖެހޭނީ ހާލަތަށް ރިއާޔަތްކޮށް،" ޝަހީމް ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން އިގްތިސޯދު އަޑިއަޅާލައި، އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ގިނަ އަދަދެއްގެ ބައެއްގެ މުސާރަ އާއި އާމްދަނީ ދަށަށް ގޮސް ދިރިއުޅުމުގެ ހާލަތު ވަނީ ދަށްވެފައެވެ.

މިދިޔަ އަހަރު އެކުލަވާލި ފަގީރުންގެ ލިސްޓަށް ޒަކާތުގެ ފައިސާ ބަހަން ނިންމީ ކޮވިޑް19ގެ ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވަތީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައި ވަނީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުން 1717 މީހަކާއި އަތޮޅުތަކުން 7047 މީހުންނެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުކަމަށެވެ. އެހެންމަވެސް މި ހާލަތަށް ރިއާޔަތް ކުރާނަމަ މީ ރަނގަޅު އަދަދެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުން 53،597 މީހަކު އޮންލައިންކޮށް ޒަކާތް ދައްކާފައިވާ ކަމަށެވެ.

comment ކޮމެންޓް