މި މަހުގެ 28 ގެ ނިޔަލަށް ސަރުކާރު ބަންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު، މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ރައީސް އޮފީހުން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި މާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް އިބްރާހިމް މުހައްމަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ އިތުރަށް ކޮވިޑް-19 އާ ގުޅިގެން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގައި މިހާރުވެސް އަމަލުކުރަމުން އަންނަ ގޮތަށް ކުރިއަށް ގެންދިއުމަށާއި، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސް ވަނީ އަންގަވާފައެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދަން ވެސް ރައީސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ސަރުކާރު ބަންދު ނަމަވެސް، ބޭންކިން ހިދުމަތްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދެމުން ގެންދާ ގޮތަށް ވެސް ރައީސް އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ.

މިހާތަނަށް ރާއްޖެއިން 1020 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު، މެއި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

comment ކޮމެންޓް