ކޮރޯނާވައިރަހާ ހެދި ޖަރުމަނުގެ އިގުތިސާދު ރިސެޝަންއަކަށް ގޮސްފި

ޖަރުމަނުގެ އިގުތިސާދު ވަނީ ރިސެޝަނަކަށް ގޮސްފަ -- ފޮޓޯ: ގެޓީ

ބާލިން (މެއި 15): މިއަހަރުގެ ފުރަތަމަ ތިން މަހު ޖަރުމަނުގެ އިގުތިސާދު މައިނަސް 2.2 ޕަސެންޓަށް ދަށްވެ، އެގައުމު ރިސެޝަންއަކަށް ގޮސްފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކައިފި އެވެ.

ޖަރުމަނުގެ ފެޑެރަލް ސްޓެޓިސްޓިކްސް އޮފީހުން ބުނި ގޮތުގައި މިއީ 2009 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު އެގައުމުގައި އެއް ކުއާޓަރު ތެރޭ އިގުތިސާދު އެހާވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއަދު އެ އޮފީހުން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެގައުމުގެ އުފެއްދުންތެރިކަމުގެ ދުވެލި ހުރީ ސުން ޕަސެންޓުގައި ކަމަށް މީގެ ކުރިން ލަފާ ކުރެވުނު ނަމަވެސް އޭގެ އަސްލު އަދަދަކީ މައިނަސް 0.1 ޕަސެންޓު ކަން ފާހަގަ ކޮށްފަ އެވެ.

އެހެންކަމުން ޖެހިޖެހިގެން ދެ ކުއާޓަރުގައި ގައުމުގެ އިގުތިސާދީ ކުރިއެރުން ނެގެޓިވްވުމުން އެގައުމު މިހާރު ރިސެޝަނަކަށް ގޮސްފައިވާ ކަމަށް ގާޑިއަން ނޫހުން ފާހަގަ ކުރި އެވެ.

ޖަރުމަނަކީ ޔޫރަޕްގެ އެންމެ ބޮޑު އިގުތިސާދެވެެ. އަދި އެގައުމާ އަޅާ ބަލާއިރު އަވަށްޓެރި އެހެން ގައުމުތަކުގެ އިގުތިސާދީ ދުވެލި ވަނީ މާބޮޑަަށް ދަށްވެފަ އެވެ. އެގޮތުން ފްރާންސުގެ އިގުތިސާދު މައިނަސް 5.8 ޕަސެންޓަށް ދަށްވެ، އިޓަލީގެ އިގުތިސާދު މައިނަސް 4.7 ޕަސެންޓަށް ދަށްވެފައިވެ އެވެ.

އެ ތަފާތު ފެންނަ ސަބަބުތަކުގެ ތެރޭގައި ޖަރުމަނުގެ ލޮކްޑައުންގެ ތެރޭގައި ފެކްޓަރީތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކުގެ މަސައްކަތް ކުރިއަށްގެންދިޔަ އެގައުމުގެ ހުރިހާ ސްޓޭޓަކުން ނިންމުމާއި ގައުމުން ފާސްކުރި 810 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖުގެ ދަށުން ގިނަ ވަޒީފާތައް ސަލާމަތް ކުރެވުން ހިމެނެ އެވެ.

ކޮރޯނާވައިރަހުގެ 1.4 މިލިއަނަށް ވުރެ ގިނަ ކޭސް ފެނިފައިވާ ޔޫރަޕްގެ މުޅި އިގުތިސާދު މައިނަސް 3.3 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އީޔޫ ސްޓެޓިސްޓިކްސް އޮފީސް ޔޫރޯސްޓެޓްއިން ބުންޏެވެ.

ނަމަވެސް ލޮކްޑައުންގެ ސަބަބުން ޖަރުމަނަށް ލިބުނު ގެއްލުމުގެ މިންވަރު ރަނގަޅަށް އެނގޭނީ ދެވަނަ ކުއާޓަރުގައި ކަމަށް އިކޮނޮމިސްޓުން ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު ލޮކްޑައުންއަށް ދިޔަ ޖަރުމަނުގައި މިހާރު ފިޔަވަޅުތައް ލުއިކޮށް، ފިހަރަތަކާއި ސްކޫލުތައް ވަނީ ހުޅުވަން ފަށާފަ އެވެ.

comment ކޮމެންޓް