އެހީ ހޯދަން ވަރަށް ދަތި، ލިބުނު ފައިސާއިން ހަރަދުތައް ހަމަނުޖެއްސޭނެ: ފިނޭންސް

މަރުކަޒީ ބޭންކް އެމްއެމްއޭގެ މައި އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަކުން ދައްވެފައިވުމާ އެކު، މިހާރު ލިބިފައިވާ ބޭރުގެ ހިލޭ އެހީއިން ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށާއި އެހީ ހޯދަން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ރޭ ބޭއްވި ވެބިނާ ސެޝަންއެއްގައި ކޮވިޑް-19ގެ އިގްތިސާދީ އަދި ފިސްކަލް ލޮޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ، މިވަގުތު ރާއްޖެއަށް ފައިސާ ހޯދަން މަސައްކަތް ކުރަނީ ބޭރުގެ ހިލޭ އެހީ ގޮތުގަ އާއި ބޭރުގެ ފަރާތްތަކުން ލޯނު ހޯދުން އަދި އެތެރޭގެ މާލީ ބާޒާރަށް ޓީބިލް ވިއްކައިގެން ކަމަށެވެ.

މި ތިން ގޮތުގެ ތެރެއިން ވެސް ބަޖެޓު ފައިނޭންސްކުރަން މައިގަނޑު ގޮތެއްގައި ބުރަވަނީ ބޭރުގެ ލޯނާއި ހިލޭ އެހީ ލިބުމުން ދަތިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ތަފްސީލު ދެއްވަމުން ސަރުވަޝް ވިދާޅުވީ މި ދުވަސްވަރަކީ ބައިނަލްއަގްވާމީ ފައިސާގެ ބާޒާރުތަކުގައި ވެސް ހަރަކާތްތައް މަދު ދުވަސްވަރެއް ކަމަށްވުމާއެކު އަމިއްލަ ބޭންކުތަކުން ފައިސާ ހޯދުމަށާއި މާލީ ބާޒާރުގައި އިންސްޓްރޫމަންޓްތައް ވިއްކުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވެ، އާމްދަނީ ލިބުން ދަތިވުމާއެކު ބަޖެޓުގައި ހިމެނޭ ހަރަދުތަކަށް ފައިސާ ހޯދުމަށް ވެސް މި ދުވަސްވަރު ދަތިތަކެއް ވަނީ ކުރިމަތިވެފައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި ދުވަސްވަރު ބޭރުގެ މާލީ އިދާރާތަކުން އެހީ ދިނުމުގައި ކޮވިޑް-19ގެ ކަންކަމަށް އިސްކަން ދޭތީ ބަޖެޓްގައި ހުރި އެހެން ހަރަދުތަކަށް ފައިސާ ހޯދުން ދަތިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހޯދަން މަސައްކަތް ކުރާ 233 މިލިއަން ޑޮލަރުގެ ތެރެއިން މިހާރު ބައެއް ހިލޭ އެހީތައް ލިބިފައި ވިޔަސް އެ ފައިސާއިން ދައުލަތުގެ ހަރަދުތައް މެނޭޖް ނުކުރެވޭނެކަމަށް ވެސް ސަރުވަޝް ވިދާޅުވި އެވެ. ސަބަބަކަށް ވަނީ، ސަރުވަޝް ވިދާޅުވި ގޮތުގައި އެ ފައިސާ ލިބުނަސް ފައިނޭންސް ކުރެވޭނީ ގާތްގަނޑަކަށް ހަރަދުތަކުގެ ހަތަރު ބައިކުޅަ އެއްބަޔަށް ކަމަށްވުމެވެ.

"ބަޖެޓަށް އަންނަ ލޮޅުން އެހާ ބޮޑު. ފުރަތަމަ ކަމަކީ އާމްދަނީގެ ބޮޑު ބައެއް އުނިވެގެން މިދަނީ. އަދި އެއާއެކީގައި ހަރަދު އެ މިންވަރަކަށް އެޖަސްޓެއް ނުކުރެވޭނެ ކުރު ރާސްތާގައި. އެހެންކަމުން ޑެފިސިޓް ބޮޑުވެ، ފައިނޭންސިން ގެޕް ވަރަށް ބޮޑުވެގެން މިދަނީ،" ސަރުވަޝް ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓުގައި ދައުލަތަށް 29.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީން ލަފާކުރަނީ އެންމެ ރަނގަޅު ހާލަތުގައި ވެސް އާމްދަނީގެ ގޮތުގައި ލިބޭނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ.

ގައުމުތަކުން މި ދުވަސްވަރު ސިއްހީ ވަސީލަތްތަކާއި ބޭހާއި އެނޫން ތަކެތި ވެސް އެކްސްޕޯޓު ކުރުން މަދުކުރަން ފިޔަވަޅު އަޅާ ފަދައިން ފައިސާ ބޭރު ކުރުން މަދުކުރުމަށްޓަކައި ކެޕިޓަލް ކޮންޓްރޯލްސްގެ ފިޔަވަޅުތައް އަޅާފައިވާކަން ވެސް ސަރުވަޝް ފާހަގަ ކުރެއްވި އެވެ. މީގެ ސަބަބުން ގައުމުތަކުން ފައިސާ ބޭރުކުރުމާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެތެރޭގެ މާކެޓުން ވެސް ފައިނޭންސިން ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

"އެތެރޭގެ މާކެޓުގައި ބޭންކްތަކަށް މޮރެޓޯރިއަމް ވެސް ދީގެން މިތިބެނީ. އެއާއެކު ބޭންކްތަކުގެ އާމްދަނީ ވަރަށް ބޮޑަށް ވަނީ ދަށްވެފައި. އިގްތިސާދުގައި ފައިސާ ދައުރުކުރާ މިންވަރު ވެސް ވަނީ ވަރަށް ދަށްވެފައި. އެހެންވީމަ ބޭންކްތަކަށް ވެސް ފައިސާ ހޯދާފައި އެ ފައިސާ ޓީބިލަށް އިންވެސްޓު ކުރެވޭނެ ކެޕޭސިޓީ ވަރަށް ބޮޑަށް ދަށްވެފައިވަނީ." ސަރުވަޝް ވިދާޅުވި އެވެ.

މީގެ އިތުރުން އާންމުންގެ ވަޒީފާ ގެއްލެމުންދާ މިންވަރަކަށް ޕެންޝަން އޮފީހުގެ އާމްދަނީ ދަށްވަމުން ދިއުމާއެކު ޕެންޝަން އޮފީހުން ވެސް ޓީބިލްގައި އިންވެސްޓުކުރާ މިންވަރު މަދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް