ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: ކެނެޑާގެ ބޮޑުވަޒީރު

ޖަސްޓިން ޓްރޫޑޯ

ވޮޝިންޓަން (15 މޭ 2020): ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ގުޅިގެން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ވެރިރަށް އޮޓަވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރޫޑޯ ވިދާޅުވީ ކޮވިޑް-19 އަކީ ދުނިޔޭގެ ގިނަ ކަންތަކެއް ބަދަލުކޮށްލާނެ ވަބާއެއް ކަމުގައެވެ. ކޮވިޑް-19 ގެ ސަބަބުން ކުރަންޖެހުނު އައު ތަޖްރިބާއާއި ތަހައްމަލު ކުރަންޖެހުނު ދަތިތަކަކީ އެއާ ގުޅިގެން ދުނިޔެއަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމެއްކަމަށާއި އޭގެތެރޭގައި އިންސާނުންގެ ފިކުރާއި އިގްތިސާދީ ޕްލޭންތަކަށް ބަދަލު އައުމުގެ އިތުރުން ބައިނަލްއަގްވާމީ ގުޅުންތަކާއި ގައުމީ މަސްލަހަތުގެ ގޮތުގައި ބަލާކަންތައްތަކަށް ބަދަލުތައް އައުންވެސް ހިމެނޭނެ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ކުރިން ދުނިޔެއޮތް ގޮތާއި ކޮވިޑް-19 އަށް ވެކްސިން އެއް ނުވަތަ ބޭހެއް އިޖާދު ކުރެވި އެ ރޯގާ އެއްކޮށް ކޮންޓްރޯލް ވުމުން ދުނިޔެ އޮންނާނެގޮތް ވަރަށް ބޮޑަށް ތަފާތުވާނެކަމަށް ޓްރޫޑޯ ވިދާޅުވިއެވެ. ކޮވިޑް-19 އަށްފަހު ދުނިޔޭގެ ސްޓްރެޓީޖިކް ބާރުގެ ތިލަފަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ސްޓްރެޓީޖިކް ދިރާސާތައް ކުރައްވާ ތަޖްރިބާކާރުންވެސްވަނީ ލަފާކުރައްވާފައެވެ. މީގެތެރޭގައި ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވުމާއި އެމެރިކާއާ އެއްވަރުގެ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ ދުނިޔޭގެ މަސްހަރަށް ފާޅުވެގެންދިޔުން ހިމެނޭނެ ސްޓްރެޓީޖިކް ދިރާސާތައް ކުރާ ފަރާތްތަކުން ލަފާކުރައްވައެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ޚުތޫރަތްތެރި ހާލަތުގައި އެމެރިކާގެ ލީޑާޝިޕް ދުނިޔެއިންވަނީ ގެއްލިފައެވެ. ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ދުވާލަކަށް އެތައް ހާސްބަޔަކު މަރުވަމުންދިޔުމުގެ ސަބަބުން އެމެރިކާގެ ބަލިފައިތައް ދުނިޔެއަށް ފެނިފައިވާއިރު އެމެރިކާގެ ލީޑާޝިޕުންވެސް ފެންނަނީ ނުކުޅެދުމާއި ނާގާބިލްކަންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

މިއާއެކު އެމެރިކާގެ މުޖްތަމައު އެތެރެއިން ބަލިކަށިވަމުންދާއިރު އެވަބާ އާ ކުރިމަތިލުމަށްޓަކައި ދުނިޔޭގެ ގައުމުތަކަށް އެހީތެރިވުމުގައިވެސް އެމެރިކާގެ ލީޑާޝިޕް ދައުރެއް ފެނިފައެއް ނުވެއެވެ. މީގެބަދަލުގައި އެމެރިކާގެ ފަރާތުން ފެނިފައިވަަނީ ކޮވިޑް-19 އާ ގުޅޭ ރައްކާތެރިކަމުގެ އިކްވިޕްމަންޓްތަކަށްވެސް ޕައިރަސީގެ އުސޫލުންނާއި ފައިސާގެ ބާރުގައި ހޯދަން މަސައްކަތްކުރިތަނެވެ.

ޓްރޫޑޯގެ ސަރުކާރުންވަނީ ކެނެޑާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ބައެއް ކާމިޔާބީތައް ހޯދާފައެވެ. މިއާއެކު ޓްރޫޑޯ ވަނީ އޭނާގެ ގައުމުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ޕްލޭނެއް އިއުލާނުކުރައްވާފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ކެނެޑާގައި 74 ހާހަށް އަރާފައިވާއިރު އެރޯގާގައި އެގައުމުން 5 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް