މަނަދޫއިން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ނ. މަނަދޫ ބަނދަރުމަތި --

ނ. މަނަދޫއިން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ރަށުގެ، ކޮވިޑް-19 ޓާސްކްފޯހުން ބުނެފި އެވެ.

މަނަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ރަށުން މާލެ ގެނައި އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެމީހާ ޕޮޒިޓިވްވިކަން އެނގުނީ، ބަޑަށް ތަދުވާތީ އައިޖީއެމްޗަށް ޑރ. ދެއްކުމުން ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.

މަނަދޫގެ ޓާސްކްފޯސްއިން މިއަދު "ސަން"އަށް ބުނީ، އެ ރަށުން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މަނަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ ކޮންޓެކްޓުވި މީހުން ކަމަށް ޓާސްކްފޯހުން ބުންޏެވެ.

މިވަގުތު ޕޮޒިޓިވްވި އެންމެންވެސް ތިބީ އެ މީހުންގެ ގޭގައި އެކަހެރި ކޮށްފައި ކަމަށް ޓާސްކްފޯހުން ބުންޏެވެ.

މަނަދޫއިން ޕޮޒިޓިވްވި މި ނުވަ މީހުންނާ އެކު މިހާރު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ ހާހަކާ ކައިރިކޮށްފަ އެވެ. މިހާރު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 991 އެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ.

މާލެ ފިޔަވައި ރާއްޖެއިން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެފައި ވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ ށ. މިލަންދޫ އާއި ކ. ތުލުސްދޫންއިންނެވެ. އޭގެ ތެރެއިން އުލިގަމުން ޕޮޒިޓިވްވި ހަމައެކަނި މީހާ މިހާރު ވަނީ ބަލިން ރަނގަޅުވެސް ވެފަ އެވެ.

comment ކޮމެންޓް