އައްޑޫގައި އާންމު ވިޔަފާރިކުރުން ހަނިކޮށް އެޅި ފިޔަވަޅުތަކަށް ލުޔެއް ދީފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގައި ފިހާރަތަކުގައި އާންމު ވިޔަފާރިކުރުން މަނާކޮށް އައްޑޫ ސިޓީ ކައުންސިލުން އެޅި ފިޔަވަޅުތަކަށް ލުޔެއް ދީފި އެވެ.

އައްޑޫގައި އާންމު ވިޔަފާރި ކުރުން މަނާ ކުރީ މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އެވެ. އެ ފަހުން ވިޔަފާރި އާންމު ވިޔަފާރި ކުރަމުން އައީ ޑެލިވަރީ ނިޒާމެއްގެ ތެރެއިންނެެވެ. އޭގެ އިތުރުން އެ ސިޓީގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުުރުންވެސް އޮތީ މުޅިން މަނާކޮށްފައެވެ. ނަމަވެސް އެ ފަޔަވަޅުތަކަށް މިހާރު ވަނީ ލުޔެއް ދީފައެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އައްޑޫ ސޯޝަލް ސަޕޯޓު ޑެސްކު (އެސްއެސްޑީ)ތަކުން ހުއްދަދޭ ފިހާރަތައް ވަކި ވަގުތެއްގައި ހުޅުވައިގެން ވިޔަފާރިކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ހުއްދަ ދިނުމުގައި އިޖުތިމާއީ ގައިދުރުކަމުގެ މިންގަނޑުތަކަށް އަމަލު ކުރެވޭނެ ގޮތާއި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރަށް ބަލާނެއެވެ. އެކަމާ ގުޅޭ ގައިޑްލައިނެއްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި އާންމުކޮށްފައިވެއެވެ.

ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 08:00 އިން 11:00 އަށް، އަދި މެންދުރުފަހު 13:30 އިން 15:00 އަށެވެ. މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ވިޔަފާރި ކުރެވޭނީ ޑެލިވަރީ ނިޒާމުންނެވެ.

އޭގެ އިތުރުން ވަކި ވަގުތުތަކެއްގައި ވިޔަފާރީގެ ބޭނުމަށް އެއް އަވަށުން އަނެއް އަވަށަށްވެސް ދަތުރުކުރަންވެސް ހުއްދަ ދޭން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ. ހިތަދޫއިން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް ދަތުރު ކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ހޮނިހިރު، ހޯމަ އަދި ބުރާސްފަތި މި ދުވަސްތަކުގެ ހެނދުނު 9:00އިން 15:00 އަށެވެ. އެދުވަސްތަކުގައި ދަތުރު ކުރެވޭނީ ހިތަދޫގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއިން ގުޅިފައިވާ އަވަށްތަކަށް ދަތުރު ކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން އާދީއްތަ، އަންގާރަ އަދި ބުދަ މި ދުވަސްތަކުގެ ހެނދުނު 9:00އިން 15:00 އަށެވެ. އެދުވަސްތަކުގައި ދަތުރުކުރެވޭނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެވެ.

ފިހާރަތައް ހުޅުވުމަށް ނިންމިކަމުގައި ވީނަމަވެސް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގާޑިޔާތަކާއި އަދި ބޯކޮށާތަންތަން ހުޅުވުމުގެ ހުއްދަ ދިނުމަށް އަދި ނިންމާފައި ނުވާ ކަމަށް އެ އިއުލާނުގައިވެއެވެ.

ފިހާރަތައް ހުޅުވުމުގައި އެ އިއުލާނާ އެއްގޮތަށް އަމަލުކުރަމުންދޭތޯ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އައްޑޫގެ އަވަށްތަކުގެ ސޯޝަލް ސަޕޯޓު ޑެސްކުތަކުން ބަލަމުން ގެންދާނެ ކަމަށާއި، އިއުލާނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު އައްޑޫއިން މާލެ ގެނައި ބަލި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ފުރަތަމަ ޓެސްޓުން ދެއްކި އެވެ. އެކަމާ ގުޅިގެން މުޅި އައްޑޫ ލޮކްޑައުންގެ ހާލަތަށް ގެނައެވެ. ނަމަވެސް، ޕޮޒިޓިވްވި މީހާ ނެގަޓިވްކަން ފަހުން ހެދި ޓެސްޓުތަކުން ދެއްކުމުން އައްޑޫގެ ލޮކްޑައުން ވަނީ އުވާލައިފައެވެ.

comment ކޮމެންޓް