ކަނޑުދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް އެދެފި

ނޮވެމްބަރ 30، 2017: މާލެއަށް މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްރަވަކަށް ވާތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ.

މެޓް އޮފީހުން ލަފާކޮށްފައި ވަނީ އެ ސަރަހައްދުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގައި ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. ދަތުރު ކުރެވެނީ ކަމާ ބެހޭ ފަރާތްތަކުގެ އުޅަނދުތަކާއި ހާއްސަ ހުއްދައެއް ހޯދައި އާންމު އުޅަނދުތަކަށެވެ. އެއީ ރާއްޖޭގެ ރަށްރަށަށް ކޮވިޑް-19 ފެތުރިޔަނުދިނުމަށް އެޅި ފިޔަވަޅެކެވެ.

comment ކޮމެންޓް