ކޮރޯނާވައިރަސް ވެކްސިން ލިބޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު: އީޔޫ އޭޖެންސީ

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަހަށް 100އަށް ވުރެ ގިނަ ވެކްސިން ދަނީ ޓެސްޓު ކުރަމުން -- ފޮޓޯ: އޭޕީ

ބްރަސެލްސް (މާޗް 15): ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އުފައްދާ ވެކްސިނެއް ބޭނުން ކުރުމަށް ހުއްދަ ލިބި، މީހުންނަށް ލިބޭ ވަރު ވާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ތެރޭގައި ކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ)އިން ބުނެފި އެވެ.

އީއެމްއޭ ވެކްސިންގެ އިސް ވެރިޔާ މާކޯ ކަވަލެރީ ވިދާޅުވި ގޮތުގައި ވެކްސިނެއް ހޯދުމުގެ މަސައްކަތް ވީހާ ވެސް އަވަސް ކުރަން އެ އެޖޭންސީން ދަނީ ވެކްސިން އުފައްދާ 33 ބަޔަކާ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސެޕްޓެމްބަރު ހިސާބުގައި ވެކްސިނެއް ލިބިދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ޝައްކު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަވަލެރީ ވިދާޅުވި ގޮތުގައި އާ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަން ޖެހެނީ އެންމެ ފުރަތަމަ މަރުހަލާތަކުން ފެށިގެން ކަމުން، އެންމެ އުއްމީދީ ހާލަތުގައި ވެސް ވެކްސިނެއް ލިބޭ ވަރުވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ. އަދި އެ އޭޖެންސީން ދަނީ ބަލި ޖެހޭ މީހުންނަށް ދެވިދާނެ 115 ފަރުވާއެއް ދިރާސާ ކުރަމުން ކަމަށާއި ކުރިއަށް އޮތް ހޫނު މޫސުމުގައި އޭގެ ތެރެއިން ފަރުވާއަކަށް ހުއްދަ ދިނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ފަރުވާއެއްކަން އޭނާ ހާމަ ނުކުރައްވަ އެވެ.

ކޮރޯނާވައިރަހަށް ވެކްސިނަކާއި ފަރުވާއެއް ހޯދުމަށް ބޭނުންވާ ފައިސާ އެއްކުރުމުގެ ގޮތުން އީޔޫއިން އިސްވެ އޮވެ ކުރިއަށްގެންދިޔަ ކެމްޕޭނެއްގައި އެކި ގައުމުތަކާއި ޖަމްއިއްޔާތަކުން ވަނީ އެކަމަށް އަށް ބިލިއަން ޑޮލަރު ދޭން ވައުދުވެފަ އެވެ. ނަމަވެސް އެ ކެމްޕޭނުގައި އެމެރިކާއިން ބައިވެރިވެފައެއް ނުވެ އެވެ. އަދި ޔޫރަޕުން ބޭރުގައި ވައިރަހަށް ކާމިޔާބު ވެކްސިނެއް އުފައްދައިފި ނަމަ އެ ސަރަހައްދަށް ބޭނުންވާ ވަރަށް ސަޕްލައި ލިބުމާ ބެހޭ ގޮތުން ޔޫރަޕްގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

އޭގެ ސަބަބުން ޖަރުމަނުގެ ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެމްބަރަކު ވަނީ ޔޫރަޕުން ބޭރު ކުންފުންޏަކުން ވައިރަހަށް ވެކްސިނެއް އުފައްދައިފި ނަމަ، އެ ކުންފުންޏެއްގެ ހުއްދަ އާއި އެހީއާ ނުލައި އެހެން ގައުމުތަކުން ވެކްސިން އުފައްދަން ހުއްދަދޭ ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާގެ ގަވާއިދެއް ބޭނުން ކުރުމަށް އީޔޫގެ ސަރުކާރުތަކަށް ގޮވާލައްވާފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި ކޮރޯނާވައިރަހަށް 100އަށް ވުރެ ގިނަ ވެކްސިން މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އޭގެ ތެރެއިން ހަތެއް ނުވަތަ އަށް ވެކްސިނެއްގެ މަސައްކަތް އަވަސް ކުރުމަށް އެޖަމްއިއްޔާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ ކޮން ބަޔަކު އުފައްދާ ވެކްސިނެއްކަން އެޖަމްއިއްޔާއިން ހާމަ ނުކުރެއެވެ.

ދުނިޔޭގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4.3 މިލިއަނަށް އަރާ، ބަލީގައި 302،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް