މިނިސްޓަރު ނަހުލާ ހުންނެވީ ރިސޯޓުގައި

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހުންނެވީ ރިސޯޓުގައި ކަމަށާއި އަދި އޭނާ ރިސޯޓަށް ވަޑައިންނަވާފައިވަނީ ސިއްހީ ހާލަތާ ގުޅިގެން އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންއަކަށް ގެންގޮސްފައިވާ ވަނިކޮށް މިނިސްޓަރު ނަހުލާ ރިސޯޓަކަށް ވަޑައިގެންނެވި ކަމަށް ބުނެ ތަފާތު ވާހަކަތަކެއް ވަނީ ދާދި ފަހުން ދެކެވިފައެވެ.

މިރޭ އެންއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިނިސްޓަރު ނަހުލާ ރިސޯޓަށް ވަޑައިގަތުމަކީ ޓެގް ޓީމުގެ ނިންމުމަކަށްވުރެ ބޮޑަށް ވަކި ހާއްސަ އުސޫލެއްގެ ދަށުން ނިންމުނު ކަމެއް ކަމަށެވެ. އެއީ ރިސޯޓުތަކުގެ އޯނަރުންނާއި އެނޫންވެސް އިންވެސްޓަރުންނަށް ރާއްޖެ އައުމުގެ ހުއްދަ ލިބޭ ހާއްސަ އުސޫލުގެ ދަށުން މިނިސްޓަރަށްވެސް ރިސޯޓަށް ވަޑައިގަތުމުގެ ހުއްދަ އޮތުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިނިސްޓަރު ރިސޯޓަށް ވަޑައިގެންނެވި ކަމާއި މިނިސްޓަރު ވަޑައިންނެވީ ފަސް މީހުންގެ ހުއްދަ ލިބިގެން ކަމަށް،" އޭނާ ވިދާޅުވިއެވެ.

އެފަރާތްތަކަށް ކާބޯތަކެތީގެ އިންތިޒާމު ހަމަޖެއްސުމާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުޅޭނީ ލިމިޓެޑް ސްޓާފުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ސްޓާފުންވެސް 14 ދުވަހުގެ މުއްދަތު ހަމަ ކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްކުގައި މިނިސްޓަރު ނަހުލާ އުޅުއްވާ މަންޒަރު ފެނިފައި ނުވާތީ އަންމުންގެ ފަރާތުން ވަނީ މީގެކުރީންވެސް މިނިސްޓަރަށް ފާޑުކިޔުން ރައްދުވެފައެވެ.

comment ކޮމެންޓް