ކްރިޓިކަލް ހާލަތުގައި އޮތް މާބަނޑު މީހާއަށް ފަރުވާ ދޭން އިންކާރުކުރިކަމުގެ ތުހުމަތުތަކެއް

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރަށުން، ބޭބީގެ ވިންދު ބަލާލާ ހެދޭނެ. ދެން އެންމެ އާދައިގެ ލޭގެ ޓެސްޓު ހެއްދޭނީ. ސްކޭންއެއް ނުކުރެވޭނެ. އެކަމަކު މާބަނޑު މީހަކަށް އެވަރުންނެއް ނުފުދޭނެތާ..." ފަރުވާ ހޯދުމަށް ރަށުން ބޭރަށް ދާން ހުއްދަ ނުލިބިގެން އަށް މަހުގައި ބަނޑަށް ދަރިފުޅު މަރުވި އއ. ތޮއްޑޫގެ އަންހެންމީހާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

އެ އާއިލާއިން ބުނި ގޮތުގައި "ކްރިޓިކަލް ޕްރެގްނަންސީ" ހާލަތުގައި އޮތް އެ މާބަނޑު މީހާ ފަރުވާ ހޯދުމަށްޓަކައި އެ އަތޮޅުގެ މައި ހޮސްޕިޓަލު ހުންނަ ރަސްދޫއަށް ދިއުމަށް ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް ހުއްދައެއް ނުލިބުނެވެ. އަދި މާލެ ދިއުމަށް ހުއްދަ ލިބުނީ ވިއްސާ ކޮޓަރިއަށް ވެއްދި ފަހުންކަމަށް އެ އާއިލާއިން ބުންޏެވެ.

"ބޭބީގެ ވިންދު ދަށްވެގެންނާއި ކިކް ނުކުރާތީ، އަދި މީގެ ކުރިން ދެ ބުރަކު ބްލީޑްވި. ވަރަށް މަސައްކަތްކުރިން ރަސްދޫއަށް ދާން. މާލެ ސޭފްއެއް ނޫން، އެއްވެސް ގޮތެއް ނެތަސް މިހާރު މާލެއަކަށް ނުދެވޭނެ ދޯ. މާލެއަށް ގުޅީމަވެސް ބުނަނީ އަތޮޅު ހޮސްޕިޓަލަށް ދާން. އެހެންވެ އެހާ ވަރަށް މަސައްކަތް ކުރީވެސް. އެހާ ދުވަސް ވީ އިރުވެސް އެމީހުން ހުއްދައެއް ނުދިން،" އާއިލާއިން ސަންއާ ވާހަކަދެއްކި މެމްބަރު ބުންޏެވެ.

މިދިޔަ އަންގާރަ ދވަހު ކޮންޓްރެކްޝަނާއެކު ލޭ އަންނަން ފެށުމުން އަނެއްކާވެސް ރަސްދޫއަށް މާބަނޑު މީހާ ގެންދިއުމަށް މަސައްކަތް ކުރުމުންވެސް އެދެވޭ ޖަވާބެއް ނުލިބުނުކަމަށް އޭނާ ކިޔައިދިނެވެ.

"އެމީހުން ދިން ޖަވާބަކީ ނެތޭ އެންއައިސީޔޫއެއް. އެހެންވީމަ އެކަހަލަ ރިސްކެއް ނުނެގޭނެއޭ،"

ނަމަވެސް ރަސްދޫއަށް ދިއުމަށް މަސައްކަތްކުރީ ވިއްސަން ނޫންކަމަށް ސްކޭންއެއް ކުރުމަށް ކަމަށް އެ އާއިލާއިން ބުންޏެވެ. އެހެން ނަމަވެސް އެކަމަށްވެސް އެއްބަސް ނުވިކަމަށާއި، ޖަވާބުގައި އެ ހޮސްޕިޓަލުން ބުނަމުން ދިޔައީ ވިއްސެން ނެތްކަމަށް ކަމަށް އާއިލާއިން ބުންޏެވެ. ފަރުވާއަށް ރަށުން ފޭބުމަށް ތޮއްޑޫއިން ހުއްދަ ދިން ނަމަވެސް ރަސްދޫއިން އެ ހުއްދަ ނުދީ، ބުނަމުން ދިޔައީ މާލެ ދިއުމަށެވެ.

22 ޖެނުއަރީ 2016: އއ. ތޮއްޑޫ ސިއްހީ މަރުކަޒު-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދަރިފުޅު ސަލާމަތްކުރަން ފުރުސަތެއްވެސް ނުލިބުނު!

އަންހެން މީހާގެ ހާލު ދެރަވުމުން ތޮއްޑޫގެ ސިއްހީ މަރުކަޒުގެ ވިއްސާ ކޮޓަރިއަށް ވެއްދިތަނާހެން އެ އަންހެން މީހާ މާލެ ގެންދިޔުމަށް ހުއްދަ ދިން ކަމަށް ސަންއާ މައުލޫމާތު ހިއްސާކުރި އާއިލާގެ މެންބަރު ވަނީ ކިޔައިދީފައެވެ.

"އިންޖެކްޝަނާއި އެއްޗިހި ދިނީމަ ވިއްސާ ކޮޓަރިއަށް ވެއްދިފަހުން މާލެ ދާން ހުއްދަ ދިނީ. ދެން އެކަމަކު ވިއްސާ ކޮޓަރިއަށް ވައްދާފަަ އެހިސާބުން ދެން ނުދެވޭނެދޯ މާލެއަށް. ވިއްސާ ކޮޓަރިއަށް ވެއްދިތާ ހަމަ އިރުކޮޅެއްތެރޭ ވިހައިފި، ވިހެއި އިރު އޮތީ މަރުވެފައި،" އާއިލާއިން ކިޔައިދިނެވެ.

އެނާ ބުނިގޮތުގައި މާލޭގައި ދިރިއުޅޭ އާއިލާގެ އެހެން ފަރާތްތަކުންވެސް ވަނީ އެތައް ފަހަރެއްގެ މަތިން އެޗްޕީއޭއަށް ގުޅައިގެން ހުއްދަ ލިބޭތޯ މަސައްކަތްކޮށްފަ އެވެ. އަދި އެޗްޕީއޭ މެދުވެރިކޮށް ރަސްދޫއިން ހުއްދަ ލިބޭތޯވެސް ވަނީ މަސައްކަތްކޮށްފަ އެވެ.

"ގެންދަވަންވީމަ ގެންދަވާނެ ދެއްވި ފަރާތުން، އެކަމަކު ބޭބީ ސޭވްކުރާކަށް ޓްރައިކުރާކަށްވެސް ޗާންސް ނުލިބުނު،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ މި ހިތާމަވެރި ހާދިސާގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

އެންމެ ރަނގަޅު ގޮތަކީ މާލެ ދިޔުން، އެހެންވެ އެހެން ރެކޮމެންޑް ކުރީ!

ރަސްދޫ ހޮސްޕިޓަލުގެ އިސް ފަރާތަކުން ބުނި ގޮތުގައި މި ހާދިސާ މިހެން ހިނގީ ފަރުވާ ހޯދުމަށް އައުމަށް ހުއްދަ ނުދެވިގެނެއް ނޫނެވެ.

"އެ ޕޭޝަންޓެއްގެ ހާލަތަށް ބަލައިފައި އޭނާގެ ހުރި އަލަމާތްތަކަށް ބަލާފައި އޭނާގެ ބެސްޓް ޗޮއިސްއަކަށް ޑޮކްޓަރުން ރެކޮމެންޑޭޝަން ދޭނީ. އޭނާގެ ހާލަތުގައި އެންމެ ބެސްޓް ޗޮއިސްކަމަށް މިގޮތަށް [މާލެއަށް] ދިޔުމޭ އެންމެ ރަނގަޅުވާނީ. އެގޮތަށް ބަލާފައި ތިކަން ހިނގާފައި ތި އޮންނަނީ،"

ހޮސްޕިޓަލުން ކިޔައިދިން ގޮތުގައި ފަރުވާ ހޯދުމަށް ރަސްދޫ ހޮސްޕިޓަލަށް އެއްވެސް މީހަކު ގެނައުމަށް ދެކޮޅު ހަދާފައެއް ނޯންނާނެއެވެ. ނަމަވެސް ރަސްދޫގައި ނާރސަރީއެއް ނެތުމާއިއެކު ބަލިމީހާގެ ހާލަތަށް ބެލުމަށްފަހު އެންމެ ރަނގަޅު ގޮތަކީ މާލެއަށް ދިޔުންކަމަށް ރަސްދޫ ހޮސްޕިޓަލުން ބުނި ސަބަބަކީ އެ ހާލަތުގައި ޕޭޝަންޓް ވިހައިފިނަމަ ނުވަތަ ސިޒޭރިއަންއެއް ހައްދައިފިނަމަ ހޮސްޕިޓަލަށް މެނޭޖްނުކުރެވޭނެތީއެވެ.

"[ބްލީޑްވާތީވެ ދަރިފުޅުގެ ހާލަތުބެލުމަށް ރަސްދޫއަށް އައުމަށް] އެ މައުލޫމާތު ހިއްސާކުރާނެތާ މިކޮޅުގެ ޑޮކްޓަރުންނާއި. ދެން އެހިސާބުން މިތަނަށް އަނެއްކާ ގެނެސް މިތަނުން ހިދުމަތް ނުދެވިގެން އަނެއްކާ މާލެ ދިޔުމުގެ ބަދަލުގައި މަގު ކުރުކުރަން ވެގެން ޑޮކްޓަރު ވިދާޅުވަނީ އެ ކޭސްގައި ރިފަރަލް ހަދާށޭ. މާލެ ނޫނީ ކައިރި ރީޖަނަލް ހޮސްޕިޓަލަކަށް ގެންދަން ޖެހޭނީ. ނާރސަރީ ނެތިއްޔާ." ހޮސްޕިޓަލުގެ ފަރާތުން ކިޔައިދިނެވެ.

ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ސްޕޯކްސްޕާރސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި މައްސަލަ ކަމާއިބެހޭ ފަރާތްތަކުން ދަނީ ބަލަމުންކަމަށެވެ.

ތޮއްޑޫގައި ހިނގި ހާދިސާއާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ ހެލްތު މިނިސްޓްރީގައި މިފަދަ މާބަނޑު މީހުންގެ ލިސްޓެއް އޮންނަކަމަށެވެ.

"އެބޭކަނބަލުންގެ ހާލު ބެލުމުގެ ކަންތައް ކުރިޔަށް ގެންދާނެ މިނިސްޓްރީއިން. ދެން އިތުރަށް ކޮމްޕްލިކޭޝަންސް ދިމާވާ ކޭސްތަކަށް އެޓެންޑްވާން އޮންނަނީ އެކަހަލަ ގޮތަކަށް." މަބްރޫކު ވިދާޅުވިއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު --- ފޮޓޯ: އެންއީއޯސީ

މަބްރޫކު ވިދާޅުވިގޮތުގައި ލޮކްޑައުންގެ ސަބަބުން ދަތުރުކުރުމަށް ހުރަސްތަކެއް ހުރިކަމުގައިވިޔަސް ރެފަރަލް ބޭސިސްއެއްގައި ދަތުރުކުރެވޭ ގޮތަށް ހަމަޖެހިފައި އޮންނަ ކަމަށެވެ.

ތޮއްޑޫގައި އެކަން ހިނގައިދިޔައީ ކިހިނެއްކަން ބަލަމުން ގެންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެންއީއޯސީގެ ފަރާތުން އެ ކޭސްގައި ދޭން ޖެހުނު ހުއްދަ، 15 މިނިޓެއްހާ އިރު ތެރޭގައި ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިެވެ.

"ލޮކްޑައުންގެ ހާލަތުގައި އިތުރަށް ބޭނުންވާ ހުއްދަ، މިސާލަކަށް އެއް ރަށުން އަނެއް ރަށަށް އިމަޖެންސީއެއްގައި ދަތުރުކުރުމަށް ބޭނުންވާ ހުއްދަތައް، ކޯޑިނޭޓްކުރެވިގެން ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދިނުމުގެ މަސައްކަތް [އެއީ] އަޅުގަނޑުމެން ކުރަން އޮންނަ ކަމަކީ. އެކަންތައް އިރާދަކުރެއްވިއްޔާ ހަމަ 10 މިނެޓް 15 މިނެޓް ތެރޭ ލިބޭގޮތަށް މަސައްކަތްކުރެވޭ ކަހަލަ އެރޭންޖްމެންޓްއެއް ތެރޭ. ވަކިން ބެލިގެން އެ ހުއްދަތައް ދެވޭނީ." މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވި ތޮއްޑޫގައި ހިނގި ކޭސްއަކީ އެހެންނޫނަސް ދިމާވާ ފަދަ ކޮމްޕްލިކޭޝަންތަކާއިއެކު ދިމާވެފައިވާ ކޭސްއެއްކަމަށް އަދި އިތުރަށް އެއްޗެއް ދެންނެވޭނީ ހެލްތު މިނިސްޓްރީއިން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހުގައިކަމަށެވެ.

comment ކޮމެންޓް