ކުޅުދުއްފުށީގެ ފުރަބަންދު މިމަހުގެ 23 ގެ ނިޔަލަށް އިތުރުކޮށްފި

ކުޅުދުއްފުށި ސިޓީ -- ފޮޓޯ/ ޕީއެސްއެމް

ހދ. ކުޅުދުއްފުށީގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު މިމަހުގެ 23ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން މިރޭ "ސަން" އަށް ވިދާޅުވީ މިދިޔަ މަހުގެ 21 އިން ފެށިގެން ކުޅުދުއްފުށި ވަނީ ފުރަބަންދުކޮށްފައި ކަމަށެވެ.

ނަމަވެސް މި މަސް ފެށުމަށްފަހު ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހެނދުނު 06:00 އިން ފެށިގެން މެންދުރު ފަހު 15:00 ދޭތެރޭގައި އިންނާނެ ހުއްދަ ނުނެގިޔަސް ބޭރުގައި އުޅެވޭނެ. އެހެންނަމަވެސް 15:30 އިން ފެށިގެން އަނެއް ދުވަހު ހެނދުނާ ހަމައަށް ހުއްދަ ނަގައިގެން ނޫނީ އާންމުނަކަށް ނޫޅެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކައުންސިލުން އެދެނީ ފުރަބަންދުކުރި އެންގުމަށް އިހުތިރާމުކޮށް އަންގާފައިވާ އެންގުންތަކަށް ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ފުރަބަންދުގެ މުއްދަތުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި ޓާސްކު ފޯސްގެ ފަރާތުން ކުރާ އެންމެ މުހިންމު ކަމަކީ އެރަށަށް ބަލި އަޔަނުދިނުމަށް ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ށ. އަތޮޅުން ވެސް ހއ. ހދ. ގެ ރަށްތަކުން ވެސް ޑޮކްޓަރަށް ދެއްކުމަށްޓަކައި މިރަށަށް އާދޭ. އެހެންކަމުން ރަށަށް ބަލި އައުމުގެ ފުރުސަތު އޮތަތީ އެކަން ވިޔަ ނުދިނުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުން މުގެންދަނީ. އިރާދަކުރެއްވިއްޔާ އަދި މިރަށަކު ނެތް ރޯގާގެ އެއްވެސް ކަމެއް،" ލަތީފް ވިދާޅުވިއެވެ.

ކާފިއު އިއުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކަން ޖޫރިމަނާ ފިޔަވަޅު އެޅުމުގެ ބާރާއި އިހްތިޔާރު ކަައުންސިލަށް ލިބިގެންވާކަމަށް ކައުންސިލުން ކުރީން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް