ލަންކާގެ 285 މީހަކަށް ހުއްދަދީ، ފުރުވާލައިފި

މިއަދު ފުރައިގެންދިޔަ މީހުންނަށް އިމިގްރޭޝަނުން ހުއްދަ ދެނީ --- ފޮޓޯ/ އިމިގްރޭޝަން

އަވައްޓެރި ސްރީލަންކާގެ 285 މީހަކަށް ފުރުމުގެ ހުއްދަދީ، އެ މީހުން މިއަދު ފުރައިފި އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބައެއް ގައުމުތަކުން ވައިގެ ދަތުރުފަތުރަށް އަޅާފައިވާ ފިވަޅުތަކުގެ ސަބަބުން ރާއްޖޭގައި ވެސް ބޭރު އެހެން ގައުމުތަކުގެ ރައްޔިތުން ނުފުރި ތާށިވެފައި އެބަތިބިއެވެ.

އިމިގްރޭޝަންނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ލަންކާއާއި ޖަޕާން އަދި ކޮރެއާގެ ޖުމްލަ 301 މީހަކަށް މިއަދު ހުއްދަ ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޖަޕާންގެ 14 މީހަކާއި ކޮރެއާގެ ދެ މީހެކެވެ.

މި މީހުން ފުރައިފައި ވަނީ އެމީހުން ގެންދިޔުމަށް ލަންކާއިން އައި ހާއްސަ އެވަކުއޭޝަން ފްލައިޓުގައި ކަމަށް އިމްގްރޭޝަނުން ބުނެ އެވެ. އަދި ޖަޕާން އާއި ކޮރެއާ މީހުން އެ މީހުންގެ ގައުމުތަކަށް ދާނީ، ލަންކާ މަގުން ކަމަށް އިމްގްރޭޝަނުން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހުގެ 968 ކޭސް ފެނިފައިވާއިރު، ހަތަރު މީހުން ވަނީ މަރުވެފަ އެވެ. ލަންކާގެ ކޭސްތަކަަށް ބަލާއިރު، ލަންކާއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 916 އެވެ. އެގައުމުން މަރުވި މީހުންގެ އަދަދަކީ، ނުވައެކެވެ. ޖަޕާން އިން 16,049 މީހުން ޕޮޒިޓިވްވި އިރު، 676 މީހުން ވަނީ މަރުވެފަ އެވެ. ކޮރެއާއިން 10,991 މީހުން ޕޮޒިޓިވްވެ، 260 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް