ރާއްޖެއިން ލިބެން ނެތް ބޭސް ފޮރިން މިނިސްޓްރީއިން ގެނެސްދެނީ

މާލެ ލޮކްޑައުންކުރުމާ ގުޅިގެން އާންމުން، ކޮންމެހެން ބޭނުންވާ އަދި ރާއްޖެއިން ނުލިބޭ ބޭސްތައް ހޯދުމަށް ފޮރިން މިނިސްޓްރީއިން މަސައްކަތްކުރާނެ --- ސަން ފޮޓޯ : ފަޔާޒު މޫސާ

ރާއްޖެއިން މިވަގުތު ލިބެން ނެތް، "ކްރިޓިކަލް މެޑިސިން"ގެ ގޮތުގައި ހިމެނޭ ބޭހުގެ ބައެއް ބާވަތްތަކަށް ބޭނުންވެފައިވާ ފަރާތްތަކުންނަށް އެ ބޭސް ހޯދުމުގައި ފޮޮރިން މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިތުރުން ސަރަހައްދުގެ ބައެއް ގައުމުތައް ލޮކްޑައުންގެ ހާލަތަށް ގެނައުމާ ގުޅިގެން ކްރިޓިކަލް ބޭސް ހޯދުމަށް އާންމުން ބޭނުންވެ، އިންޑިއާއާއި ސްރީލަންކާ އަދި ތައިލެންޑުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ބޭސް ގެންދިޔުމުން އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރީން ކުރަމުން ގެންދިޔަ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އެ މިނިސްޓްރީއިން ބުނެފައިވަނީ އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންތަކަށް ބޭސް ސިޓީ ފޯރުކޮށްދިނުމުން އެތަކެތި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީއިން ކުރާނެ ކަމަށެވެ.

މިނިސްޓްރީއިން ބުނީ މިހާތަނަށް އެގޮތަށް 78 ފަރާތަކަށް ކޮންމެހެން ބޭނުންވާ ބޭސްތައް، ރާއްޖެއިން ނުލިބިގެން ރާއްޖެއިން ބޭރުން ގެނެސްދީފައިވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންގައި އޮތްނަމަވެސް އެބޭސްތައް ރާއްޖެއިން ބޭރުން ގެނެސް، އެ ބޭސްތައް ވެރިފަރާތްތަކުންނާ ހަވާލުކުރުމުގައި އެ ބޭހަކީ ރާއްޖެއިން ލިބެން ނެތް އަދި ޒަރޫރީ ބޭނުމަކަށް ބޭނުންވާ ބޭހަކަށް ވާން ޖެހޭ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ބޭސް ސިޓީއެއް ނެތް ބޭހެއް އެ އުސޫލުގެ ދަށުން އެއްވެސް ފަރާތަކަށް ގެނެސްދެވެން ނެތް ކަމަށެވެ.

ބޭސްތައް ގެންނަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ހަވާލުކުރާއިއިރު، ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރަންވާނެކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއާއެކު މަސައްކަތް ކުރުމުގައި ބައިވެރިވާނީ މޯލްޑިވިއަންއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ރެޑް ކްރެސެންޓް އަދި ޕޮލިސް އެވެ.

އެ މަސައްކަތާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު ވިދާޅުވީ މިހާރު އެ ފޯރުކޮށްދޭ ހިދުމަތަކީ މާލެ ލޮކްޑައުންގެ ހާލަތަށް ގެނައުމާ ގުޅިގެން ކޮންމެހެންްބޭނުންވާ ހިދުމަތެއް ކަމަށެވެ.

ރާއްޖެއިން ލިބެން ނެތް، ޒަރޫރީ ބޭސްތައް ރާއްޖެއަށް ގެނައުމަށްޓަކައި ބޭސް ގަންނަ ފަރާތުން އަޅުގަނޑުމެންގެ އިންޑިއާ، ލަންކާ އަދި ތައިލެންޑްގައި ހުންނަ މިޝަންތަކަށް ގެންގޮސްދިނުމުން، އެތަކެތި ރާއްޖެއަށް ގެނެސް، ވެރިފަރާތާ އަޅުގަނޑުމެން ހަވާލުކުރާނަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް