ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައިވާ މުއްދަތު މި މަހު 28 އަށް އިތުރުކޮށްފި

މޭ 7، 2020: ކޮވިޑް19 ފެތުރޭތީ މުޅި ރާއްޖޭގައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި، މިސްކިތްތަކަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. އާންމުކޮށް ރަމަޟާން މަހުގައި ފުރާލާ މިސްކިތްތަކަށް މި ރަމަޟާން މަހު ވަދެ ހަދަނީ ބަންގި ގޮވުމަށް މުދިމުން އެކަނި — ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން، މި މަހުގެ 28ގެ ނިޔަލަށް އިތުރު ކުރަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން މޭ، 28 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ، އެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު މިސްކިތްތައް ބަންދެއް ނުކުރެ އެވެ. ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލާައި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފަ އެވެ.

މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަށުން އިއުލާންކޮށްފައިވާ، މާލޭ ސަރަހައްދުގެ ފުރަ ބަންދުގެ މުއްދަތުވެސް ރޭ ވަނީ އިތުރު 14 ދުވަހަށް އިތުރުކޮށްފަ އެވެ. އެއީ މި މަހުގެ 28ގެ ނިޔަލަށެވެ.

މިނިސްޓްރީން ވަނީ މި މުއްދަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފަ އެވެ.

މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

comment ކޮމެންޓް