ދަންވަރު 1:00 އިން ހެނދުނު 9:00 އަށް ބްރިޖް ބަންދު

އޭޕްރީލް 2، 2020: މާލެ ލޮކްޑައުންކޮށްފައިވާ ވަގުތު ބްރިޖް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ދަށުން ސިނަމާލެ ބްރިޖް ކޮންމެ ރެއެއްގެ ދަންވަރު 1:00 އިން ހެނދުނު 9:00 އަށް ބަންދުކުރަން ނިންމައިފި އެވެ.

ފުލުހުުންގެ ބުނީ އެ ވަގުތަށް ބްރިޖް ބަންދު ކުރަން ފަށާނީ މިރޭ ދަންވަރު 1:00 އިން ފެށިގެން އެވެ. އެ ވަގުތުގައި ބްރިޖް ބަންދު ކުރަން ނިންމާފައި ވަނީ، ކުރިއަށް އޮތް ދެ ހަފްތާއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބްރިޖް ބަންދުކޮށްފައި އޮންނަ ވަގުތު ބްރިޖު ބޭނުން ކުރެވޭނީ ކޮންމެހެން މުހިންމު އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ސެކިއުރިޓީގެ ހިދުމަތުގައި އުޅޭ ފަރާތްތަކަށް އެކަނި ކަމަށް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށް މި މަހުގެ 28ގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. މި މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި އަދި ގުޅީފަޅަށް ހުއްދަ ނެތި އަރައި ފޭބުމާއި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނިކުމެވެނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ފެންނަވަރު އިތުރުވެ ބަލި ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް ހާހަކަށް މިހާރު ވަނީ އަރައިފަ އެެވެ. އަދި ބަލީގައި ހަތަރު މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް