މަނަވަރުން ދިޔަ ދެމީހުން ޕޮޒިޓިވްވިކަން އަންގާފައެއް ނުވޭ

ރާއްޖެއިން ދިޔަ އިންޑިއާ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިިވާކަން އެ ގައުމުގެ ސަރުކާރުން އަދި ދިވެހި ސަރުކާރަށް އަންގާފައި ނުވާކަމަށް، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ގެންދިޔުމަށް ބޭއްވި ހާއްސަ ދަތުރުތަކުގައި އަސްކަރީ މަނަވަރުގައި 900 އަށް ވުރެ ގިނަ މީހުން ވަނީ ގެންގޮސްފައެވެ.

އެމީހުން ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެ އެވެ. އެނބުރި އެމީހެއްގެ ސިޓީ އަށް ދެވޭނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު އެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއިން އެނބުރި ދިޔަ ދެ މީހަކު ކޮވިޑް19 އަށް ޓެސްޓުކުރި އިރު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ ދެމީހުންނަކީ އިންޑިއާގެ ޓްރިޗީ އަށް ނިސްބަތްވާ ދެމީހުން ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މައުލޫމާތު ލިބިފައި ވަނީ ނޫސްތަކުން ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް ރަސްމީ އިދާރާއަކުން އެ މައުލޫމާތު ސަރުކާރާ ހިއްސާކޮށްފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ވަކި އެއްޗެއް ކަށަވަރުކޮށްދެވޭނީ ސަރުކާރުގެ ރަސްމީ އިދާރާއަކުން މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ.

އިންޑިއާގެ މަނަވަރުތަކުގައި ގެންގޮސްފައިވަނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނެވެ.

ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ނިއުދިއްލީ، ޗެންނާއީ، މުމްބާއީ އަދި ބެންގަލޫރަށް ހާއްސަ ފްލައިޓުތަކެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާމް ބޭނުންވާ މީހުން ގެންދިޔުމަށް އަންނަ ހުކުރު ދުވަހު އިތުރު ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް 968 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 98 މީހަކު ހިމެނެއެވެ.

comment ކޮމެންޓް