އަދަބީ އޮންލައިން ކޯސްތަކަށް ހާހަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު: އެކަޑަމީން ހުޅުވާލި އަދަބީ ހުނަރު ޕްރޮގްރާމަތަކަށް 1،100 އަށް ވުރެ ގިނަ ފަރާތްތަކުން އެދުނު -- ސަން ފައިލް ފޮޓޯ

ދިވެހި ބަހުގެ އެކަޑަމީން ފުރަބަންދާ ދިމާކޮށް އޮންލައިންކޮށް ބޭއްވުމަށް ނިންމި އަދަބީ ހުނަރު ޕްރޮގްރާމަތަަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،100 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެ އެވެ.

އެކަޑަމީ އިން މިމަހު ކުރީކޮޅު ހުޅުވާލީ ތިން ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ. އެއީ ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމާއި، ޅެން ހަދަން ދަސްކޮށްދިނުން އަދި ނާވިލު ލިޔުން ނުވަތަ ކުރު ވާހަކަ ލިޔަން ދަސްކޮށްދިނުމަށެވެ. އެއީ މުޅިން ހިލޭ ހިންގާ ކޯސްތަކެކެވެ.

އެކަޑަމީގެ ރައީސް އަޝްރަފް އަލީ "ސަން" އަށް ވިދާޅުވީ، ސުންގަޑި ހަމަވިއިރު، ތިން ޕްރޮގްރާމުަގއި ބައިވެރިވާން 1،171 މީހަކު އެދިފައިވާ ކަމަށެވެ. އެކަޑަމީން ނިންމާފައިވަނީ އެ އެންމެންނަށްވެސް މި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަނޑައެޅި ޖާގައަށް ވުރެ ވެސް އިތުރަށް އެ ހަރަކާތްތަކުގައި މީހުން ބައިވެރިވުމަށް އެދިފައިވޭ. ނަމަވެސް އަޅުގަނޑުމެން މިހާރު ނިންމާފައި ވަނީ ފުރުސަތަށް އެދިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތު ދޭން،" އަޝްރަފު ވިދާޅުވި އެވެ.

ތިން ޕްރޮގްރާމަށް ބައިވަރިވުމަށް އެދުނު އަދަދުތައް:

  • ވާހަކަ ދެއްކުން - 478
  • ޅެން ހެދުން - 463
  • ނާވިލު - 230

އަޝްރަފު ވިދާޅުވީ، މި ޕްރޮގްރާމްތަކަކީ، އަދަބީ ހުނަރު މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އެކަޑަމީން ފެށި މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްތަކުގައިވެސް ރާއްޖޭގެ ހުރިހާ އަތޮޅުތަކުން ބައިވެރިވެރިވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ވާހަކަ ދެއްކުމުގެ އަލި މުޅި ރާއްޖެއަށް، ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް، މި ޝިއާރުތަކުން 2015 ވަނަ އަހަރު އަޅުގަނޑުމެން ފެށި މަސައްކަތެއް. އެހެން ކަމުން މިހާރު މުޅި ރާއްޖެއަށް އެމީހަކު ހުރިތަނެއްގައި ހުރެގެން މި ހުނަރުތައް ދަސްކޮށްދިނުމުގެ ފުރަސަތު މިއޮތީ،" އަޝްރަފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ވަރަށް ކާބިޔާބު މަސައްކަތަކަށް ވެގެން ދާނެ ކަމަށާއި އެތަށް ފަރާތްތަކަަކަށް ކުރިން ނޭނގޭ ކަންތައްތަކެއް ދަސްވެ، ދިރިއުޅުމުގެ އެކި ބޭނުންތަކަށް އެ ހުނަރުތައް ބޭނުން ކުރެވޭނެ ކަމަށެވެެ.

"މި ހުނަރުން އާންމުނަށް އާންމުދަނީ ހޯދޭނެ މަގުވެސް ފަހިގެންދާނެ. އެކިއެކި ވާހަކަ ދެއްކުމުގެ ހުނަރު ދަސްވުމަކީ، ދިރިއުޅުމުގެ އެކި އެކި މައްސަލަތައް ހައްލުކުރަންވެސް ލިބޭނެ ފުރުސަތެއް. ޖުމްލަކޮށް ބުނާނަމަ، މިކަމުގެ ތެރެއިން އެމީހެއްގެ އިޖްތިމާއީ ރައްކާތެރިކަން ހޯދައިގަތުމާއި، ސުލްހަވެރި މުޖްތަމައުއެއް ބިނާ ކުރުމަށް ބޭނުންވާ ހުނަރުތަކެއް މިދެވެނީ،" އަޝްރަފު ވިދާޅުވި އެވެ.

އެގޮތުން ސުލްހަވެރި މުޖްތަމައުއެއް ބިނާކުރުމަށް ޅެންވެރިންގެ ދައުރު ވަރަށް މުހިންމު ކަމަށާއި ވާހަކަ ދެއްކުމުގެ ހުނަރު ހުރުމުން ގޭތެރޭގައި ދިމާވާ މައްސަލަތަކާއި އެހެން ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދިވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް މީހުން ޝައުގުވެރިކަން ފާޅުކުރާކަން ފާހަގަ ކުރައްވައި، އަޝްރަފު ވިދާޅުވީ، އަދިވެސް މުސްތަގުބަލުގައި މިފަދަ ޕްރޮގްރާމްތައް ރޭވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަޑަމީގެ ވިސްނުމަކީ، ފުރަބަންދު ނެގި ނަމަވެސް ކުރިއަށް އޮތްތާގައި މިފަދަ ޕްރޮގްރާމްތަކަކީ، ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްދާ ޕްރޮގްރާމްތަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ޕްރޮގްރާމަށްވެސް ކިޔަވައިދިނުން ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާކަން އަޝްރަފު ވިދާޅުވި އެވެ. އެގޮތުން ޅެން ކްލާސްތައް މިމަހު 15 ވަނަ ދުވަހު، ވާހަކަ ދެއްކުމުގެ ކްލާސްތައް 20 އަދި ނާވިލު ކްލާސްތައް 21 ގައި ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އަޝްރަފު ވިދާޅުވި އެވެ.

comment ކޮމެންޓް