ބޯކޮށް ވާރޭވެހި އައްޑޫގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

އައްޑޫ ސިޓީގައި ފެންބޮޑުވެފައި: ފެންބޮޑުވެ ގިނަ ގެތަކަކަށް ފެންވަދެ ގެއްލުންތަކެއް ވަނީ ލިބިފައި ---

ރެއިން ފެށިގެން ބޯކޮށް ވާރޭވެހި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެ ބައެއްގެތަކަށް ފެންވަދެ ބޮޑެތި ގެއްލުން ތަކެއްވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އަލީ ފަހުމީ އަހުމަދު "ސަން" އަށް މިއަދު ވިދާޅުވީ، އެ ސިޓީއަށް ބޯކޮށް ވާރޭ ވެހެން ފެށީ ރޭ ދަންވަރު 12:00 އާއި މެންދަމު 2:00އާ ދެމެދު ކަމަށާއި ދޭތެރެއަކުން ތުނި ކޮށްލި ނަމަވެސް އަދިވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުން އަންނަ ކަމަށެވެ.

"އައްޑޫގެ ހުރިހާ އަވަށްތަކެއްގައި މިވަނީ ފެންބޮޑުވެފައި. އެނެމް ބޮޑަށް ފެންބޮޑުވެފައި މިވަނީ ފޭދޫ އާއި މަރަދޫ ފޭދޫގެ އިތުރުން ހިތަދޫގައި،" އަލީ ފަހްމީ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ފެންބޮޑުވެފައި: ރޭ ދަންވަރުން ފެށިގެން އަންނަނީ ވާރޭ ވެހެމުން ---

ފެންބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ގޭގެއަށް ފެންވަދެ ފަރުނީޗަރު ތަކާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާކަން ފަހުމީ ފާހަގަކުރެއްވި އެވެ. އަދި ކަމާއި ގުޅޭ ފަރާތްތަކާއި އެކު ޕަމްޕް ބޭނުންކޮށްގެން ފެންހިންދައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ފެންބޮޑުވެފައި ---

އައްޑޫއަށް ބޯކޮށް ވާރެވެހި ފެންބޮޑުވެފައިވާއިރު ލާމް އަތޮޅުން ފެށިގެން އެ ސިޓީއާ ހަމައަށް ރޭ 7:00 އިން ފެށިގެން ވަނީ ޔެލޯ އެލާޓް ނެރިފަ އެވެ. މިއަދު މެންދުރު 2:00 އަށް ޔެލޯ އެލާޓް ދިގު ދަންމާފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ވިދާ ގުގުރުމާއި އެކު ވާރޭ ވެހޭނެ ކަމަށް މީޓްރޮލަޖީން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް