ބިލްގައި އޮތީ ޕެންޝަން ފަންޑުގެ ވާހަކަ އެކަންޏެއް ނޫން، އަދިވެސް ހުށަހަޅާނަން: ސައީދު

މާވަށު ދާއިރާގެ މެންބަރު ސައީދު: ޕެންޝަން ފަންޑުން ފައިސާ ނެގޭ ބިލް އަދިވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ފައިލް ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަހުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް ފަރުމާކުރި ބިލްގައި ވަނީ ހަމަ އެކަނި ޕެންޝަން ފަންޑުގެ ވާހަކަ ނޫން ކަމަށާއި ތިން ވަނަ ފަހަރަށް ވެސް އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއީ ސައީދު އެ ބިލު އިސްލާހުކުރެއްވުމަށްފަހު މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އެ ބިލު މަޖިލީހުން ބަލައިގެންފައި ނުވަނީ ބިލުގައި ހުރި މާއްދާތަކުގައި ދައުލަތުގެ މާލިއްޔަތަށް އަސަރު ކުރާ ފަދަ ކަންތައްތައް ހުރުމުންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ މާލިއްޔާއާ ގުޅުން ހުންނަ ޒާތެއްގެ ބިލެއް ހުށަހެޅޭނީ، ސަރުކާރުން ސްޕޮންސާކޮށްގެން ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށެވެ

އެކަމަށް ރައްދު ދެއްވައި ސައީދު 'ސަން' އަށް ވިދާޅުވީ، ގަވާއިދުގައި ބުނާ މާލިއްޔާއަށް އަސަރު ކުރުމުގެ މާނައަކީ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދަކަށް އަސަރު ކުރުން ކަމަށެވެ. އަދި އެ ބިލްގައި އެ ފަދަ އެއްވެސް ހާލަތެއް ނެތްކަން ފާހަގަކޮށް ތަފްސީލް ސިޓީއެއް ވެސް ހުށަހަޅުއްވާފައި ވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ބިލްގައި ވާނެ ކުއްޔަށް އުޅޭ މީހަކު ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލާ ނެރެލުން ފަސްކޮށްލަ ދިނުން. އެއީ އާންމު ރައްޔިތުންގެ މެދުގައި އޮންނަ ކަމެއް. އެކަމަށް އޮންނާނެ ހައްލެއް ދީފައި،"

އެގޮތުން ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލާ ދުވަހުން ފެށިގެން ހަ މަސް ދުވަސް ފަހުން، ފަންސާސް އިންސައްތައަށް ވުރެން މަދުން ކުލި ދެއްކޭ ފަރާތްތަކުގެ ކުލި ބަހާލައި ބައިބައަށް ދެއްކޭނެ ގޮތް ހަދައިދިނުން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަން ސައީދު ފާހަގަކުރެއްވި އެވެ.

ބިލްގައި މައިގަނޑު ގޮތަށް އޮންނާނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އާންމު ރައްޔިތުންނަށް ބޭނުން ކުރެވޭނެ މަގު ފަހިކޮށްދިނުން ކަން ފާހަގަކޮށް ސައީދު ވިދާޅުވީ، މި ސަރުކާރުން ޕެންޝަން ފަންޑުގައި އަތް ނުލާނެ ކަމަށް މިހާރު ބުނި ނަމަވެސް އެކަން މިހާރު ވަނީ ކޮށްފައި ކަމަށެވެ.

މިސާލެއްގެ ގޮތުން ސައީދު ދެއްކެވީ ޕެންޝަން ފަންޑުގެއި ހުރި ފައިސާ ބޭނުންކޮށްގެން ހައްޖައް ދެވޭނެ ގޮތައް މި ސަރުކާރުން ޕެންޝަންގެ ގާނޫނަށް ގެނައި އިސްލާހެވެ.

"ޕެންޝަން ފަންޑު މި އޮންނަނީ މުސްތަގިއްލު ފަންޑެއްގެ ގޮތުގައި. އާންމު ރައްޔިތުންނާއި އެ ފަންޑާއި ގުޅުވަދީފައި މި އޮންނަނީ. އެއަކީ ސަރުކާރުގެ ބަޖެޓަކަށް ސަރުކާރަށް ލިބޭ އާމްދަނީއަކަށް ސަރުކާރުން ހޭދަކުރާ ހޭދައަކަށް އަސަރުކުރާ އެއްޗެއް ނޫން އެއަކީ އެއް،" ސައީދު ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ ލިބޭނެ ގޮތް ވުމަކީ، މި ހާލަތުގައި ހާލުގައި ޖެހިފައިވާ އެތައް ދިވެހިން ބޭނުންވާ ގޮތްކަން ފާހަގަކޮށް ސައީދު ވިދާޅުވީ، ރައްޔިތުންގެ އެދުމުގައި އޭނާ ކޮޅުފައިން ނުޖަހާނެ ކަމަށާއި އެމްޑީޕީގެ ސްޕާރ މެޖޯރިޓީގެ ތެރެއިން އެ ބިލް ފާސް ކުރެވޭނެ ގޮތަކީ ކޮބައިތޯކަން ވެސް ބައްލަވާނެ ކަމަށެވެ.

"ދެން މަޖިލިސް އޮންނަ ދުވަހު އާންމު އުސޫލުން އެ ބިލް ހުށަހަޅާނަން މަޖިލީހަށް،" ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް