އާންމު ގާނޫނަކުން ކައުންސިލްތަކުގެ ދައުރު ދިގު ނުކުރެވޭނެ: ކައުންސެލް ޖެނެރަލް

ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކުރެވުނު މުއްދަތަށް އިންތިހާބު ކޮށްފައިވާ ކައުންސިލްތަކެއްގެ އުމުރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން ބަދަލު ކުރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ކައުންސިލު އިންތިހާބު ފަސްކުރަން ޖެހި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ޖެހޭތީ އެ މައްސަލައަށް ހައްލެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" މަޖިލީހަށް ހުށަހަޅައިފައެވެ.

އެ ބިލް ދިރާސާ ކުރާ ލާމަރުކަޒީ ކޮމެޓީން ކޮންސުލް ޖެނެރަލްގެ ލަފަޔަކަށް އެދެމުން ލިއުމުން ވަނީ ދެކިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވާފަ އެވެ.

ކޮންސުލް ޖެނެރަލްގެ ލަފާގައި ވިދާޅުވެފައި ވަނީ ކައުންސލްތަކުގެ އުމުރު ހަމަވާއިރު އެކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އިންތިހާބު ކޮށްފައި މިހާރު ތިބި މެންބަރުން އެމަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުންކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި އެގޮތުން ދެމިތިބޭ މުއްދަތުގައި ގަނޫނު އަސާސީއާއި އިދާރީ ދާއިރާތަައް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފުރިހަމަ ބާރާއި ހައިސިއްޔަތާއި ދާއިރާ އާއި އިހްތިސާސް އެކައުންސިލްތަކަށް ލިބިދޭކަމާމެދު ގާނޫނީގޮތުން އެއްވެސް ސުވާލެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެއާހިލާފަށް މިހާރު ތިބި ކައުންސިލްތަކުގެ މުއްދަތު އިތުރުނުކޮށް ކައުންސިލްތަކުގެ އުމުރު ހަމަވުމުން އެ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ އިންތިގާލީ އިންތިޒާމެއް ހަމަޖައްސައި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން އެހެންފަރާތަކާ ހަވާލުކުރުމަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އާއި 231 ވަނަ މާއްދާގައި އެކަށަޅަ އަޅާފައިވާ ހުރިހާ ހާލަތަކަށް ތަބާވަންޖެހޭ މައިގަނޑު އުސޫލުތަކަށް ތަބާވާ އިންތިޒާމެއް ކަމަށް ފެނިވަޑައިނުގްނަންވާ ކަމަށެވެ.

މީގެ އިތުރުން އިންތިހާބު ބޭއްވުމަށް ދަތިވެއްޖެ ހާލަތެއްގައި އިންތިހާބީ މަގާމުތަކަށް އާ މެންބަރުން އިންތިހާބު ވަންދެން އެމަގާމުތަކުގައި ތިބި ބަޔަކަށް މަގާމުތަކުގައި ދެމިތިބެވޭނެ ގޮތަކަށް އުމުރުގެ މުއްދަތު އިތުރު ކުރުމަކީ ގާނޫނުއަސާސީގައި މިހާރުވެސް އެކަށަ އަޅާފައިވާ ގާނޫނުއަސާސީ ދަންނަ މަހްފޫމެއް ކަމަށް ފާހަގަ ކުރެވޭ ކަމަށް ވެސް ކޮންސުލް ޖެނެރަލްގެ ލަފާގައި ވިދާޅުވެފައިވެއެވެ.

ގާނޫނުއަސާސީގެ 80 ވަނަ މާއްދާއަށް ބަލާއިރު ކުއްލިނުރައްކަލުުގެ ހާލަތު އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައި އާންމު އިންތިހާބެއް ބޭއްވުމަށް ދަތި ވެއްްޖެނަމަ މަޖިލީހުގެ އުމުުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރު ކުރުމުގެ ގަރާރެއް މަޖިލީހުން ފާސްކުރެވިދާނެކަމަށް ބަޔާންކުރާ ކަމަށާއި އަދި ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެކައުންސިލްތަކަށް އާ މެމްބަރުން އިންތިހާބު ނުކުރެވިއްޖެނަމަ މެދުވެރިވާނެ ގާނޫނީ ހުސްކަން ފޫބެއްްދުމަށްޓަކައި ހުށަހަޅާ ހައްލަކީ އެކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ކުރެވެންދެން މިހާރު ކައުންސިލްތަކުގައި ތިބި މެންބަރުން އެކައުންސިލްތަކުގައި ދެމިތިބުން ކަމަށް ވެސް ފިލްޒާ ވިދާޅުވެފައިވެއެވެ.

"އެހެންނަމަވެސް ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކުރެވުނު މުއްދަތަށް އިންތިހާބު ކޮށްފައިވާ ކައުންސިލްތަކެއްގެ އުމުރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން ބަދަލު ކުރެވިދާނެ ކަމަކަށް ނުފެނޭ،" ކޮންސުލް ޖެނެރަލްގެ ލަފާގައި ވިދާޅުވެފައިވެއެވެ.

ވަކިން ހާއްސަކޮށް މިހާރު އިންތިހާބު ކޮށްފައިވާ ކައުންސިލްތަކަކީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން 3 އަަހަރުގެ މުއްދަތަށް އިންތިހާބު ކޮށްފައިވާ ކައުންސިލްތަކަކަށް ވާއިރު އަދި ގާނޫނު އަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއިން
ގާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާ އިސްލާހުކޮށް ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށް އެއުސޫލު ހިންގަން ފަށާނީ އެގާނޫނަށް އަމަލު ކުރަން ފަށާ ތާރީހަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކަމަށް ބަޔާންކޮށްފައިވާތީ، ގާނޫނު އަސާސީއަށް ފަސް ވަނަ އިސްލާހު ގެނައުމުުގެ ގާނޫނުުގެ ހަތަރު ވަނަ މާއްދާ އިސްލާހުކޮށް މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް މިހާރު އިންތިހާބު ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު އިތުރުރެވިދާނެކަމަށް ނުފެންނަ ކަމަށް ވެސް ކޮންސުލް ޖެނެރަލް ވަނީ ލަފާދެއްވައިފައެވެ.

ކޮންސުލް ޖެނެރަލްގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފަޔަކަށް ވެސް ކޮމިޓީން ވަނީ އެދިފައެވެ. އަދި ގާނޫނު އަސާސީ އިސްލާހު ނުކޮށް ކައުންސިލްތަކުގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް އޭޖީ ވެސް ވަނީ ލަފާ ދެއްވައިފައެވެ.

comment ކޮމެންޓް