ޓިޗަރަކު، 50 މޭލަށް ދުވެ ދަރިވަރުންނާ ބައްދަލުކުރަނީ

ޖޯޖިއާގެ ޓީޗަރެއް ކަމަށްވާ ބިލް މެކްއެލިސްޓާ ވަނީ އޭނާގެ ދަރިވަރުންނާ ބައްދަލުުކުރުމަށް ބޭނުންވާ ކަމަށް ވީޑިއޯ ކޯލު މެދުވެރިކޮށް ކުރީން ބުނެފައި---

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދުގައި ހުންނަން ޖެހުމުން ދެ މަހަށްވުރެ ގިނަ ދުވަހު ދަރިވަރުންނާ ދިމާ ނުވާތީ، ޖޯޖިއާގެ ޓީޗަރެއް، 50 މޭލަށްވުރެ ދުރަށް ދުވެ ދަރިވަރުންގެ ގޭގެ ބޭރުން ބައްދަލުކުރުމަށް މަސައްކަތް ފަށައިފި އެވެ.

ޖޯޖިއާގެ ބިގް ޝޭންޓީ އިންޓަމީޑިއޭޓް ސްކޫލުގެ ޓީޗަރެއް ކަމަށްވާ ބިލް މެކްއެލިސްޓާ އެންމެ ފަހުން ސްކޫލުގައި ކިޔަވައިދީފައިވަނީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުގައެވެ. އެއަށްފަހު ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވުމުން ބިލް އަށް އޭނާގެ ދަރިވަރުންނާ ބައްދަލުކުރެވޭގޮތް ވަނީ ނުވެފައެވެ.

އެއާއެކު އޭނާގެ ދަރިވަރުން ނުފެނި ގިނަ ދުވަސް ވާތީ އެންމެފަހުން އެކުދިން އުޅޭ ގެ ކައިރީ ސަރަހައްދުން ދުވެފައި ދިޔުމަށް ބިލް ތައްޔާރުވެއްޖެއެވެ.

"އަސްލު އިނގޭ އެހާ ގިނަ ދުވަސްވަންދެއް ގޭގައި މަޑުކުރަން ޖެހުމުން މިހާރު ކުދިން ތިބޭނީ ސްކޫލުމަތިން މިސްވެފައި ކަން. އެހެންވެ ހިތަށް އެރީ ހިނގާށޭ ދަރިވަރުންނާ ބައްދަލުކޮށް އެމީހުންގެ މޫޑް ރަނގަޅު ކުރެވޭތޯ ބަލަަން،" ބިލް ބުންޏެވެ.

މެކްއެލިސްޓާ ދުވެފައި ދަރިވަރުންނާ ބައްދަލުކުރުމުގެ ފަހަތުގައި އިތުރު ސަބަބެއް އެބައޮތެވެ. އެގޮތުން އޭނާ ދުވާ ކޮންމެ މޭލަކަށް މަސްޓް މިނިސްޓްރީ ކިޔާ ފަންޑަކަށް ފައިސާ ދާނެއެވެ. އެ ފައިސާއިން، އެހީއަށް ބޭނުންވެފައިވާ ކުދިންނަށް ކެއުމާއި، އަންނައުނު އަދި ބޯހިޔާވަހިކަން ފޯރުކޮށްދޭނެއެވެ.

"އަޅުގަނޑު ތި ހުރިހާ ދަރިވަރުން މަތީން ވިސްނާ ހަނދާން ކުރަން. އެހެންވެ ބައްދަލުކޮށް ދިމާވެލަން ބޭނުންވީ. އެއީ ތި ހުރިހާ ކުދިންގެ ދުވަސްވެސް ތަންކޮޅެއް ފަސޭހަކޮށްދިނުމަށް،" ދަރިވަރުންނަށް ފޮނުވި މެސެޖެއްގައި ބިލް ބުންޏެވެ.

comment ކޮމެންޓް