ކޮރޯނާވައިރަސް: ޖަޕާނުގެ ޒުވާން ސުމޯ ރެެސްލަރަކު މަރުވެއްޖެ

ޖަޕާނުގެ ޒުވާން ސުމާ ރެސްލަރު ކިޔޮޓަކާ ސުއެޓާކޭ -- ގެޓީ އިމޭޖެސް

މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަހުގެ ޝިކާރައަކަށްވި ޖަޕާނުގެ ޒުވާން ސުމޯ ރެސްލަރަކު މަރުވެފައިވާ ކަމަށް ޖަޕަނީސް ސުމޯ އެސޯސިއޭޝަން (ޖޭއެސްއޭ) އިން ބުނެފި އެވެ.

ޖަޕާނުގެ އެންމެ މަގުބޫލު ކުޅިވަރުތަކުގެ ތެރެއިން އެގައުމަަށް އެންމެ ހާއްސަ އެއް ކުޅިވަރަކީ ސުމޯ ރެސްލިންގް އެވެ. ސަބަބަކީ އެކުޅިވަރަކީ އެގައުމުގެ އުފެއްދުމެއް ކަމަށްވެފައި އެގައުމުގެ އާއްމުންގެ މެދުގައިވެސް އެ ކުޅިވަރުގެ ފޯރި ގަދަވީމަ އެވެ. އެކަމަކު މިއަދަކީ އެގައުމުގެ ސުމޯ ސަޕޯޓަރުންނަށް ހިތާމަވެރި ދުވަހެކެވެ. އުންމީދީ ޒުވާން ސުމޯ ރެސްލަރެއް ކަމަށްވާ ކިޔޮޓަކާ ސުއެޓާކޭ މިވަނީ ކުއްލިގޮތަކަށް މަރުވެފަ އެވެ.

ސުމޯ ރެސްލިންގްގެ ކޯޓުގެ މަޝްހޫރު ނަމުން ނަމަ އުމުރުން 28 އަހަރުގެ ޝޯބުޝީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިކަން އިނގިފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެއަށްފަހު އެބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މިއަދުގެ ވަގުތެއްގައި މަރުވެފައި ވަނީ ގުނަވަންތަކެއް ފެއިލްވެގެންނެވެ.

"އަހަރެންނަށް އިހުސާސް ކޮށްލަން ވެސް އުނދަގޫ އެއް މަސްދުވަސް ވަންދެން އެ ބަލީގައި ދެމިއޮންނަ އިރު އަޅާނެ ވޭން. އެކަމަކު ސުމޯ ރެސްލަރެެއްގެ ހިތްވަރު ދައްކާ، އެންމެ ފަހުވަގުތާ ޖެހެންދެންވެސް ބަލިން ފަސޭހަ ވުމަށް އޭނާ މަސައްކަތް ކުރި." ސުއެޓާކީގެ މަރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޭއެސްއޭގެ ޗެއާމަން ހަކަކޫ ބުންޏެވެ.

ސުއެޓާކީ އަކީ ޖަޕާނުގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި ފުރަތަމަ އެތުލީޓެވެ. އަދި އޭނާ އަކީ އެ ގައުމުގައި 20 ގެ އަހަރުތަކުގައި މަރުވި ފުރަތަމަ މީހާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ 13 އަހަރު ކުރިން ޕްރޮފެޝަނަލް ސުމޯ ކެރިއަރު ފެށި ސުއެޓާކީ މަރުވި އިރު އޭނާ އަކީ ޖަޕާނުގެ ސުމޯ ރެސްލިންގްގެ ހަތަރުވަނަ ޑިވިޝަނުގައި 11 ވަނައަށް ރޭންކް ކޮށްފައިވާ އެތުލީޓެވެ.

ޖަޕާނުގައި މިހާތަނަށް 16 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެ ބަލި ޖެހިގެން 678 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 50 އަހަރުން މަތީގެ މީހުން ކަމަށް ޖަޕާނުގެ ސިއްހީ އިދާރާއިން ބުނެ އެވެ.

comment ކޮމެންޓް