މައުރީންގެ ހުނަރު މިފަހަރު ބަދިގެއިން!

މައުރީން --ފޮޓޯ:އިންސްޓަގްރާމް

މިފަހުން ކޮންމެ ރޯދަމަހަކުވެސް މައުރީން އަހަރެމެންނާ ބައްދަލުކޮށްލީ ޓީވީ ސްކްރީނުންނެވެ. ޓީވީއެމްގައި އޭނާ ހުށަހެޅި ކާމިޔާބު ޝޯތަކާއި އަދި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންއިން ޢާންމުންގެ ބޮޑުތަރުހީބެއް އޭނާވަނީ ހޯދާފައެވެ. ކައިވެންޏަށްފަހު ޓީވީތަކުން ފެނުން މަޑުޖެހުނު ނަމަވެސް، އާންމުންގެ ހިތްތަކުން އޭނާ ހޯދާފައިވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

މި ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް މައު އަންނަނީ އަމިއްލަ ގޭގައި ތައްޔާރުކުރާ ހާއްސަ ރެސިޕީއެއް އޭނާގެ ފޮލޯވަރުންނާއި ހިއްސާ ކުރަމުންނެވެ. މި ހުރިހާ ރެސިޕީތަކުގެވެސް އެންމެ ހާޢްސަކަމަކީ މިއީ ގޭގައި ހުރި އެއްޗަކުން ވީހާވެސް ޚަރަދު ކުޑަކޮށް އޭނާ ތައްޔާރުކުރާ ރެސިޕީތަކަކަށް ވުމެވެ.

"ގޭގައި ކައްކަނީ މައު އާއި ބައްސާމަށް އެކަނި. މިހާރު ދިމާވެފައި އޮތް ހާލަތުގެ ސަބަބުން ބޮޑަށް ބަލަނީ ގޭގައި ހުރިއެއްޗެއްބޭނުންކޮށްގެން މީރު އެއްޗެއް ތައްޔާރުކޮށްލެވޭތޯ. ވީހާވެސް އެއްޗެއް ގަންނަން ނުޖެހި، އިގްތިސާދު ކުރެވޭތޯ" މައު ބުންޏެވެ.

އެހެން އަހަރުތަކުގައި އަބަދުވެސް ރޯދަވީއްލުމަށް ގާތް ރަހުމަތްތެރިންނަށާއި އާއިލާގެ މެންބަރުންނަށް ދައުވަތުދޭ އިރު، މިފަހަރު އެކަން ނުކުރެވުމަކީ ރޯދަމަހަށް ވެސް އައި ފަޅުކަމެއްކަމަށް މައު ބުންޏެވެ.

މައުރީން މި ރޯދަ މަހު ތައްޔާރުކޮށްފައިވާ ރެސިޕީއެއް!

އިންޑިއަން އަދި ދިވެހި ކެއުންތަކަށް ލޯބިކުރާ މައުއަށް ރޯޑަވީއްލާވަގުތު ކޮންމެހެން ވަކިއެއްޗެއް ބޭނުމެއް ނުވެއެވެ. މައު ބުނާގޮތުން އޭނާ އަބަދުވެސް ބަލަނީ ތަފާތު އާ އެއްޗެއް ތައްޔާރުކޮށްލެވޭތޯ އެވެ.

"ކޮންމެ ފަހަރަކުވެސް ބައްސާމް ގާތުގައި ރޯދަވީޢްލަން ބޭނުމީ ކޯއްޗެއްތޯ އަހާލީމަ ބުނާނެ އާ އެއްޗެއް ޓްރައިކޮށްލަން ހިނގާށޭ. އެހެންވީމަ ރޭގަނޑު ދެމީހުން ޑިސްކަސްކޮށްލާފައި ހެނދުނު އެ އެއްޗެއް ތައްޔާރުކުރަނީ" މައޫ ކަޔައިދިނެވެ.

އެކިގޭގައި ރޯދަވީއްލާ ވަގުތަށާއި ތަރާވީސް އަދި ހާރަށްވެސް ވަކިން ކައްކާއިރު މައު ބުނާގޮތުގައި އޭނާ ކެއުން ތައްޔާރުކުރަނީ ރޯދަވީއްލާ ވަގުތަށެވެ. އަދި ތަރާވީސް ގަޑިއަށް ވަކި ހާއްސަ ކެއުމެއް ތައްޔާރެއް ނުކުރެއެވެ.

މައުރީން މި ރޯދަ މަހު ތައްޔާރުކޮށްފައިވާ ރެސިޕީއެއް!

ރޯދަމަހު މިހާތަނަށް މައު ތައްޔާރުކޮށްފައިވާ ރެސިޕީތަކުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ބައެއް ޑިޝްތަކުގެ ތެރޭގައި، ޗީޒީ ޗިކަން ފްރައިސް، ބްރެޑް ލަޒާނިއާ އަދި މަސްދަޅުން ތައްޔާރުކުރާ ޑިޝްތައް ހިމެނެ އެވެ.

އާންމުގޮތެއްގައި މި ހުރިހާ ރެސިޕީތަކުގައިވެސް ބޭނުންކޮށްފައިވަނީ ގޭގައި ލިބެންހުންނަ އާންމު ބާވަތްތަކެވެ. އަދި ހާއްސަކޮށް ގޭގައި ކައިފައި ބާކީވާ، ބަތްކޮޅު ބޭނުންކޮށްގެން ރައިސް ކަޓްލެޓްސް ހަދާނެ ގޮތާއި ބާކީވާ ރޮށިކޮޅުން ހަދާލާނެ ޗީޒީ ބޭކްޑް ރޮށީގެ އަމިއްލަ ރެސިޕީއެއްވެސް މައު ވަނީ ހިއްސާކޮށްފަ އެވެ.

މައުބުނާގޮތުން އެންމެ އުފާވަނީ އޭނާގެ ޕޯސްޓްތައް ފެނި އެތަކެތި މީހުންއަމިއްލައަށް ތައްޔާރުކުރާތީ އެވެ. އަދި އެކުގައި ގިނަބަޔަކު މިފަދަ އުކުޅުތަކެއްބޭނުންކުރުމުން މި ދަތި ވަގުތުގައި އިގްތިސާދުކުރެވި މި ރެސިޕީތަކުގެ އަސްލު މަގްސަދުވެސް ހާސިލްވާކަމަށް މައު ގަބޫލްކުރެ އެވެ.

މީގެއިތުރުން މައުވަނީ އިގްތިސާދުކުރުމަށް އޭނާ ގޭގައި ފޮލޯކުރާ ބައެއްކަންކަންވެސް އަހަރެމެންނާއި ހިއްސާކޮށްފައެވެ.

  • ވަކި ރެސިޕީއެއް އޮންލައިންކޮށްވިޔަސް ނޫނީ ފޮތަކުން ބެލިއަސް ޢޭގައި ހުރި ހުރިހާއެއްޗެއް ބޭނުންކުރުމުގެ ބަދަލުގައި އެވައްތަރުގެ ލިބެންހުރި އެއްޗެއް ބޭނުންކޮށްލުން
  • ކުރިން ދުވަހުގެ ކާއެއްޗެހިން ބާކީވާ ބާވަތަކުން އަނެއްކާވެސް ތަފާތުއެއްޗެއް ތައްޔާރުކޮށްލުން. އޭރަށް އިތުރަށް އެއްޗެއް ގަންނަންނުޖެހި އިސްރާފުވުންވެސް މަދުވާނެ
  • ރޯދަވީއްލުމަށްފަހު ބޭނުންނޫންގޮތެއްގައި ކެއުން މަދުކުރުން
  • ގިނަގިނައިން ފެން ބުއިން
  • ފިހަން ނޫނީ ތެލުލަން ނުޖެހޭ ބާވަތްތަކެއް ތައްޔާރުކުރުން. ގޭސް އާއި ކަރަންޓުގެ ޚަރަދުވެސް ކުޑަވާނެ.

ގޭގައި ކިތަންމެ ވަރަކަށް ކާއެއްޗެހި ތައްޔާރުކުރިއަސް މަންމަގެ އަތުން އެ ތައްޔާރުކުރާ އެއްޗެހީގެ މީރު ރަހަ ގައިމުވެސް 'މިސް ' ވާނެތާއެވެ. މި ރޯދަމަހު އާއިލާއާއި ގާތް ރަހުމަތްތެރިންނާއި ދުރުގައި ހޭދަކުރަންޖެހިފައިވާއިރު މައުގެ ހާލަކީވެސް ހަމަ މިއީއެވެ. މަންމަގެ އަތުން ތައްޔާރުކުރާ ހުރިހާ އެއްޗެއްވެސް ނުހަނު ކާހިތްވެފައި ހުރިއިރު، މައިދައިތަ މައު އަށް ހާޢްސަކޮށް ތައްޔަރުކުރާ "ބަރަބޯ މުސައްމާ" މިފަހަރު ނުކެވޭތީވެސް މައު ހުރީ ވަރަށް ދެރަވެފަ އެވެ.

ޓީވީ ސްކްރީންތަކުން ފެނުނު މައުރީންގެ މޮޅު ޕްރެޒެންޓިންގެ ހުނަރާއި އެކު މި ރޯދަމަހު އޭނާ އަހަރުމެން އާޝޯހު އެކޮށްލަނީ މޮޅު ކެއްކުމުންނެވެ. މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކު މައު އަހަރުމެންނަށް ތިދޭ ހަދިޔާއަށް ހަމަ ސާބަސް އެވެ!

comment ކޮމެންޓް