ވިސާ ޖަހަން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓްތައް ދޫކުރަން ފަށައިފި

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން --- ފޮޓޯޯ/ އިމިގްރޭޝަން

ވިސާ ޖެހުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ދޫކުރަން ފަށައިފިއެވެ.

އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މިރޭ "ސަން" އަށް ވިދާޅުވީ މިހާރު ދޫކުރަމުން ދަނީ ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ވިސާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ކަމަށެވެ.

ފުރަބަންދުގެ މުއްދަތުގައި ވިސާއަށް އެދުމުގެ ފުރުސަތު އަދި ދީފައެއް ނުވެއެވެ.

ޚަލީލް ވިދާޅުވީ ޕާސްޕޯޓް ދޫކުރަން ފެށީ އިއްޔެ ކަމަށާއި އިއްޔެ އެކަނި 164 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހެޅި 150 ޕާސްޕޯޓާއި އެހެނިހެން ވިސާތަކަށް ހުށަހަޅާފައިވާ 9 ޕާސްޕޯޓެވެ.

މިއަދު 94 މީހެއްގެ ޕާސްޕޯޓް ދޫކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހަޅާފައިވާ 85 ޕާސްޕޯޓާއި ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާފައިވާ 9 ޕާސްޕޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަން" އަށް އެނިގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެ އައި އިންޑިއާގެ މަނަވަރުން 202 މީހަކު އަނބުރާ ގައުމަށް ގޮސްފައިވެއެވެ. އަދި އަންނަ ހުކުރު ދުވަހު އިންޑިއާގެ މަނަވަރަކުން ރާއްޖޭގައި ތިބި އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ގެންދިޔުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ހަމައެދުވަހު ޔޫރަޕަށް ވެސް ރާއްޖޭގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ރާއްޖޭގައި ތިބި ޔޫރަޕްގެ މަސައްކަތްތެރިން ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް