އޭޝިއާ ސަރަހައްދުގެ ގަދަ 20ގައި ރިޝްވާން ހިމެނިއްޖެ

އައިސީސީގެ އޭޝިއާ ރީޖަންގެ ގަދަ 20 ބެޓްސްމަނުންގެ ތެރޭގައި ރާއްޖޭގެ ރިޝްވާން ވަނީ ހިމެނިފައި --

ބައިނަލްއަގުވާމީ ކްރިކެޓްގެ މައި އިދާރާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އޭޝިއާ ރީޖަންގެ އެސޯސިއޭޓް ގައުމުތަކުގެ ގަދަ 20 ބެޓްސްމަންގެ ތެރޭގައި ރާއްޖޭގެ ތަޖުރިބާކާރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު ރިޝްވާން ހިމެނިއްޖެ އެވެ.

އައިސީސީގައި ޖުމްލަ 104 މެމްބަރު ގައުމު ހިމެނޭ އިރު، އޭގެ ތެރެއިން 12 ގައުމަކީ ފުލް މެމްބަޝިޕް ގައުމުތަކެވެ. އަނެއް 92 ގައުމަކީ އެސޯސިއޭޓް މެމްބަރު ގައުމުތަކެވެ. އެގޮތުން އޭޝިއާގެ ފަސް ގައުމަކަށް ވަނީ ފުލް މެމްބާޝިޕް ލިބިފަ އެވެ. އެއީ ދުނިޔޭގެ ރޭންކިންގްގެ އެންމެ ކުރީގައި އުޅޭ އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ސްރީ ލަންކާ އަދި އަފްޣާނިސްތާނެވެ.

އަދި އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި އޭޝިއާގެ 16 ގައުމެއް ހިމެނޭ އިރު މިދިޔަ އަހަރުގެ ޓީ-20 މެޗުތަކުގައި އެންމެ ގިނަ ރަން ހެދި ކުޅުންތެރިންގެ ތެރޭގައި ރިޝްވާން ވަނީ ހިމެނިފަ އެވެ.

އެގޮތުން ރާއްޖޭގެ ކުޅަދާނަ ބެޓްސްމަން ރިޝްވާން ވަނީ މިދިޔަ އަހަރުތެރޭގައި ޓީ-20 ގެ 11 މެޗެއް ކުޅެފަ އެވެ. އަދި އެ މެޗުތަކުގެ ތެރޭގައި 245 ރަން ރިޝްވާން ވަނީ ފުރިހަމަ ކޮށްފަ އެވެ. އެވްރެޖްކޮށް މެޗެއްގެ މައްޗަށް 25.50 ރަން އޭނާ ހަދާފައިވާ އިރު އެއް މެޗެއްގައި އެންމެ ގިނަ ރަން ހަދާފައިވަނީ 67 ރަންއާ އެކީގަ އެވެ. އަދި އޭނާގެ ރަންތަކުގައި ހަތަރެއް އަދި ހަ ޕޮއިންޓްް ހޯދާފައިވާ ޕަސެންޓް 60 އަށް އަރައެވެ.

އުމުރުން 20 އަހަރުގައި ޕްރޮފެޝަނަލްކޮށް ކްރިކެޓް ކުޅެން ފެށި ރިޝްވާން ރާއްޖޭގެ ގައުމީ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އައި ރިޝްވާން "ސަން" އާ ވާހަކަ ދައްކަމުން އޭނާ ބުނީ އޭޝިއާގެ ގަދަ 20 ގައި ހިމެނުނުކަން އެނގުމުން ވަރަށް އުފާވި ކަމަށެވެ.

"ހިއެއް ނުކުރަން ދުވަހަކުވެސް މިހާ މަތީ ލިސްޓަކަށް އަރާނެ ކަމަކަށް. ވަރަށް އުފާވި އެ ޚަބަރު ލިބުމުން. އަބަދުވެސް މަސައްކަތް ކުރަނީ އެ ކުޅޭ މުބާރާތެއްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާން. އެކަމަކު މިފަދަ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދެއް ވެސް ނުކުރެވޭ ކުރިއަކުން،" ރިޝްވާން ބުންޏެވެ.

ރިޝްވާން މި ހޯދި ކާމިޔާބީއަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މަރުހަބާ ދަންނަވާފަ އެވެ. މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިސީސީގެ އޭޝިއާ ރީޖަންގެ އެސޯސިއޭޓް ގައުމުތަކުގެ ޓޮޕް ބެޓްސްމަންގެ ތެރޭގައި ރިޝްވާން ހިމެނުމުން މަރުހަބާ ދަންނަވާ ކަމަށެވެ.

އައިސީސީ ބޯޑުގެ އޭޝިއާ ރީޖަން ތަމްސީލު ކޮށްދޭނެ ބޯޑު މެމްބަރުގެ މަގާމުގައި މީގެ ކުރިން ވެސް ހުރި ރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްލާހް އެ މަގާމުގެ ދެވަނަ ދައުރަކަށް ވަނީ ދާދި ފަހުން އިންތިހާބުވެފަ އެވެ.

އެ މަގާމަށް ދެވަނަ ފަހަރަކަށް އަފްލާހު ހޮވިވަޑައިގަތުމާ އެކު އޭނާގެ ދައުރު ދެން ހަމަވާނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ.

comment ކޮމެންޓް