ރިޔާޒް މާލެ ވަޑައިގަތުމުގައި ގޯހެއް ނެތް ކަމަށް ކޮމިޓީން ނިންމައިފި

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަބަންދު މުއްދަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެން ކަަމަށާއި، އެހެންކަމުން މިކަމުގައި ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެ.

ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިޔާޒް މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައިދިނުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، ރިޔާޒް މާލެ ވަޑައިގެން އެކަން ހާމަކުރެއްވީ އަމިއްލަފުޅަށް ކުރެއްވި ޓްވީޓަކުންނެވެ. އޭނާ ވިދާޅުވީ މާލެ ވަޑައިގެންނެވީ ފުލުހުންގެ ފަރާތުން ނަގަން ޖެހޭ ހުއްދަތައް ނަންގަވައިގެން ކަމަށެވެ.

މެމްބަރު ސިރާޖު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރިޔާޒްގެ ޓްވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ނަފުރަތު އުފެދި، މަޖިލީހުގެ މެމްބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ، ރިޔާޒް މާލެ އަންނަން ހުއްދަ ދީފައިވޭތޯ އާއި، ދީފައި ވާނަމަ އެއީ ކޮން ސަބަބެއްގައިތޯ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރިޔާޒުގެ ސުލޫކާ ބެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މިއަދު އެ މައްސަލަ ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ރިޔާޒް މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯއްދަވައިގެންކަން މައްސަލައިގައި ފުލުހުންްގެ ފަރާތުން ލިބިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

މެމްބަރު ރިޔާޒަށް ހުއްދަ ލިބިފައި ވަނީ ގޭޖް ކިޔާ ކުންފުންޏަކުން އެދުނު ހުއްދައިގެ ދަށުން ކަމަށާއި، ރިޔާޒް މާލެ ވަޑައިގަތީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ.

"ރިޔާޒް އެއްވެސް ހާލެއްގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުން ނޫންކަން ފޮޮނުވާފައި އޮތީ،" މެމްބަރު ވިދާޅުވި އެވެ.

އެހެންކަމުން މި މައްސަލައިގައި ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ބަލައި، މައްސަލަ މި ހިސާބުން ނިންމާލަން ނާޒިމް ހުށަހެޅުއްވި އެވެ.

ނާޒިމްގެ ހުށަހެޅުއްވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި އެހެން މެމްބަރުން ވަނީ ތާއީދުކުރައްވައިފަ އެވެ. އަދި ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ މެމްބަރު ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މެމްބަރުން މިއަދު ފާހަގަކުރެއްވީ ރިޔާޒް މާލެ ވަޑައިގަތީ ފުލުހުންގެ ހުއްދަ ލިބިގެން ކަމަށާއި، އެހެންނަމަވެސް އާންމު ރައްޔިތުން އެދިއެދި ތިބި ފުރުސަތެއް ރައްޔިތުންނަށް ނުލިބި އެހެން ބަޔަކަށް ފުލުހުން ހުއްދަ ދިން ގޮތް އިތުރަށް ބަލަން ޖެހޭ ކަމަށެވެ.

ރިޔާޒަށް މާލެ އާދެވުނު ގޮތާ ބެހޭގޮތުން މީގެ ކުރިން "ސަން"އިން ސުވާލު ކުުރުމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައި ވަނީ މާލެ އަރަން މީހުންނަށް ހުއްދަ ދޭއިރު އެ ކަމަށް އެދި ހުށަހަޅާ މީހާގެ ހައިސިއްޔަތު އެ ފުލުހުންނަކަށް ނޭނގޭ ކަމަށެވެ. އަދި ރިޔާޒު މާލެ އެރުމުގައި އުސޫލާ ހިލާފު ކަމެއްކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް