ފްލެޓަން ދަ ކާވް: ދިވެހިން ކިޔާނީ ކީކޭ؟

ކޮވިޑް-19 އާ ގުޅޭ ނޫސްކޮންފަރެންސެއްގައި ބަލި ފެތުރޭ ގޮތުގެ ގްރާފް ދައްކާލަނީ -- ފޮޓޯ/ އެންއީއޯސީ

މުޅި ދުނިޔޭގައި ބާރަށް ފެތުރި، ނުރައްކާ ކުރަމުން ދާ ކޮރޯނާވައިރަހުގެ ރޯގާއާ އެކު އާ އާދަތަކާއި އާ ކަންތައްތަކަށް އިންސާނުންނަށް އެނބުރެން މި ވަނީ މަޖުބޫރުވެފަ އެވެ. މިވައިރަހާ އެކު ސިއްހީ ކަންކަމަށް އެހާ ސަމާލުކަމެއް ނުހުންނަ ދިވެހިންނަށް ވެސް، ސިއްހީ ކަންކަމުގެ ތެރެއަށް ވައްދައިދީފި އެވެ. އެހެން ނަމަވެސް ކޮރޯނާވައިރަހާ އެކު ސިއްހީ އެތައް އާ ބަސްތަކެއް ދިވެހިންގެ ދުވަހުގެ ބަސްކޮށާރުގެ ތެރެއަށް ވަނީ ވަދެގެން ގޮސްފަ އެވެ.

ޕެންޑަމިކް ނުވަތަ "އާލަމީ ވަބާ" އާއި ލޮކްޑައުން ނުވަތަ "ފުރަބަންދު"، ފިޒިކަލް ޑިސްޓޭންސިން "އިޖްތިމާއީ ގައިިދުކުރަން" ފަދަ ބަސްތައް މިއީ މިހާރު ދިވެހިންގެ ދޫ މައްޗަށް ފަރިތަ ބަސްތަކެކެވެ.

މި ވަބާއިން ސަލާމަތްވުމަށް، ސިއްހީ މާހިރުން އިރުޝާދު ދެއްވާއިރު އަބަދުވެސް ވިދާޅުވަނީ؛ ކާވް ފްލެޓް ކުރަން ޖެހޭ ކަމަށެވެ. އިނގިރޭސިން ބުނާ ނަމަ "ފްލެޓެނިން ދަ ކާވް" އެވެ. މީގެ މާނައަކި ކޮބައި ހެއްޔެވެ؟ އަދި މިއަށް ދިވެހިން ކިޔާނީ ކިހިނެއް ހެއްޔެވެ؟

ކާވް ފްލެޓް ކުރުމުގެ މާނައަކީ ގައުމެއްގެ ސިއްހީ ނިޒާމަށް ކުޅަދާނަވާ ވަރަށް، ބަލި ޖެހޭ މީހުންގެ އަދަދު އެއް ވަރެއްގައި ހިފަހައްޓާފައި ބެހެއްޓުމެވެ. ފުރަ ބަންދާއި ގައިދުރުކަމުގެ ފިޔަވަޅުތައް އަޅަނީ މި މަގުސަދު ހާސިލްކުރާށެވެ. މިބަލިމަޑުކަން މައިތިރި ކުރެވުން، ނުނީ ނުކުރެވުން ބިނާވެފައި އޮންނަނީ ކާވް ފްލެޓް ކުރުމާ ކަމަށްވާއިރު، މިކަމަށް ދިވެހިން ކިޔާނީ ކީކޭ ހެއްޔެވެ؟ ސޯޝަލް މީޑިއާގައިވެސް މިކަމުގެ ބަހުސެއް އެބަ އޮތެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ގައުމީ ސެންޓަރު އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް، ވިދާޅުވަނީ "ގުދު ފަތި ކުރަން" ޖެހޭ ކަމަށެވެ. މިއީ ކާވް ފްލެޓް ކުރުން، މަބުރޫކް ދިވެހި ކުރައްވާ ގޮތެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ނަޒަރުގައި ދިވެހި ބަހުން ކިޔަންވީ "ބަޅު ފަތި" ކުރުމެވެ. ނުވަތަ ކޮންމެވެސް އެހެން ބަހެއް ކުރިއަށް ލުމަށްފަހު ފަތި ކުރުން ނުވަތަ ތިރި ކުރުން ކިޔަންވީ އެވެ. މިއީ ހައްތަހާވެސް އާންމުގެ ހިޔާލެވެ.

ދިވެހި ބަހުގެ އެކަޑަމީން މިހާރު މި ވަނީ މި ބަހަށް ރަސްމީކޮށް ކިޔާނެ ބަހެއް ނިންމާފަ އެވެ. އެއީ "ބާނި ތިރިކުރުން" އެވެ.

އެކަޑަމީގެ ރައީސް އަހްމަދު އަޝްރަފު އަލީ "ސަން"އަށް ވިދާޅުވީ، މި ފެށުނު ހަފްތާގައި ބަސްކޮމިޓީން ރަސްމީކޮށް އެ ބަސް ފާސްކޮށް މިހާރު އެންމެހާ މުއައްސަސާތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ.

އަޝްރަފު ވިދާޅުވީ، މި ބަސް އެކުލަވާލުމުގައި ބަސް ކޮމިޓީން ބަލާފައިވަނީ މިކަމުގެ ބަސްކޮށާރަށާއި މީގެ ކުރިން ކިޔާ ކިޔުންތަކަށް ކަމަށެވެ.

"ޑޮކްޓަރުންވެސް ވަހަކަ ދައްކާއިރު ވިދާޅުވާނެ ދެން ނަގާނެ ރާޅެއް ނޭނގޭނޭ ކަމަށް. މި އާލަމީ ވަބާގައި ހިމޭން ވަގުތުކޮޅެއް އައިސްފައި ދެން ނަގާނެ ރާޅެއް ނޭނގޭނެ ކަމަށް. ނަގާ ރާޅުގެ އަދަދުން ހަމަ އެ ބަސްކޮށާރަށް ބަލާނަމަ، ގްރާފުން މި ފެންނަނީ އޭގެ ބާނި. ބާނި އެންމެ އުސް ކުންނަށް ދިޔުމަކީ ޕީކަށް އެރުން. އެންމެ އުސް ކުންނަން އަރާނޭ މިވެނި ދުވަހެއްގައި، އެއަށްފަހު ބާނި ތިރިވަމުން ދާނީ،" ބަސް ބޭނުންކުރާނެ ގޮތް ކޮންމެވެސް ވަރަށް އޮޅުންފޮލުއްވައި ދެއްވަމުން އަޝްރަފު ވިދާޅުވި އެވެ.

ބަސް ކޮމިޓީގެ ރައީސް މުހައްމަދު ފާރޫގު ހަސަން ވިދާޅުވީ، ބަސް ކޮމިޓީއަށް ބަހެއް ހެދުމަށް ހަވާލުކުރުމާއެކު، މީގެ ކުރިން އެކި އެކި ފޯރަމްތަކުގައި ބަސް ބޭނުން ކުރަމުން އަންނަ ގޮތާއި، އާންމުގެ ހިޔާލު ހޯދާ ކަމަށެވެ. އެގޮތަށް ފާޅު ކުރާ ހިޔާލުތަކާއެކު މަޝްވަރާ ކުރުމަށްްފަހު، ބަސް ކޮމިޓީގެ މެމްބަރުންގެ އަގްލަބިއްޔަތުން އެ ބަހެއް ނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހުރިހާ ބަސްތަކަށް މަޝްވަރާ ކުރުމަށްފަހު، އަޅުގަނޑުމެން ބަލަން ބަހުގެ ހަމަތަކަށް ފެތެނީ ކޮން ބަހެއްތޯ. ބެލުމަށްފަހު އަޅުގަނޑުމެން ނިންމަވަނީ ކޮންމެ ލަފްޒެއްވެސް،" ފާރޫގު ވިދާޅުވި އެވެ.

ކާވް ފްލެޓް ކުރުމަށް ދިވެހި ބަހުސް ރަސްމީކޮށް ކިޔާނެ ގޮތެއް މި ވަނީ ސާފުވެފަ އެވެ. އެއީ "ބާނި ތިރިކުން" އެވެ. މިގޮތް ވައިގައި ހިފައިފާނެ ހެއްޔެވެ؟ ނޫނީ މަބުރޫކް ކިޔާ ގޮތަށް އެންމެން ވެސް ކިޔާނީ ގުދު ފަތިކުރުން މިހެން ހެއްޔެވެ؟

comment ކޮމެންޓް