އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް "ޒުވާން މަސްވެރިޔާ" ސާޖިން

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި، "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ހަމަޖައްސައިފި އެވެ.

އުމުރުން 21 އަހަރުގެ ސާޖިން އަކީ ގއ. ގެމަނަފުއްޓަށް އުފަން ޒުވާނެކެވެ. ޒުުވާން އުމުރުގައި މަސްވެރިކަމުގެ ދާއިރާއަށް ނުކުމެ، އޭނާ މިހާރު އަންނަނީ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން މަސްވެރިޔެއްގެ ހަޔާތް ދައްކުވައިދިނުމުގެ ގޮތުން މީސް މީޑިއާގައި ހިއްސާކުރާ ހިތްގައިމު ފޮޓޯތަކުން ސާޖިންވަނީ ދިވެހިންގެ މަގުބޫލުކަން ހޯދާފައެވެ. "ދިވެހި މަސްވެރިންގެ" ނަމުގައި ޖަމިއްޔާއެއް ރެޖިސްޓްރީކޮށް، މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލާ ދާއިރާގެ ކުރިމަގަށްވެސް ސާޖިން އަންނަނީ މަސައްކަތްކުރަމުންނެވެ.

އުރީދޫއިން ބުނީ އަލަށް މި ފެށުނު ޕާޓްނަޝިޕްގެ ދަށުން، އުރީދޫ އާއި ސާޖިން ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން, މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައިހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި ގެނެވެންހުރި ހައްލުތައް ގާއިމް ކުރުމަށްވެސް ސާޖިން އާއި އެކު މަސައްކަތްކުރާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުގެ އިތުރުން ޒަމާންވީ އާދަކަދާތަކުގެ ތެރެއިން ފާހަގަކުރެވޭ ހަރަކާތަކަށް ވާއިރު މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސާޖިން ކާމިޔާބާއި ހިއްވަރާއެކު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އުރީދޫއެކޭ އެއްފަދައިން މުޖުތަމައުގެ ކުރިމަގަށް މަސައްކަތްކުރުމަކީ ސާޖިންއަށްވެސް މުހިންމު ކަމަކަށް ވުމާއެކު ސާޖިންއާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އައު ފުރުސަތުތަކެއް ފަހިކޮށްދީ ދާއިރާގެ ކުރިމަގަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ނިޔާޒް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސާޖިން ބުނެފައި ވަނީ އުރީދޫ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރާއި އަދި ޕްރައިވެޓް ކުންފުނިތަކާއި ގުޅިގެން ދާއިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތްކޮށްފައިވާ ކުންފުންޏެއްކަމަށެވެ.

"އެހެންކަމުން، އުރީދޫ އާއިއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ، އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އުރީދޫއާއި ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވައި ޕްރޮޖެކްޓްތަށް ފަށައިގަތުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް،" އޭނާ ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، އުރީދޫއިން ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ގުޅިގެން ވެސަލް މޮނިޓަރިންގެ ސިސްޓަމާއި، މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

މީގެ އިތުރުން ތުރާޔާ ޓެލެކޮމިއުނިކޭޝަންސްއާއި ގުޅިގެން މަސްދޯނިފަހަރުތަކަށް މޮބައިލް ސެޓަލައިޓްގެ ހިދުމަތް ވެސް ފޯރުކޮށްދީފައިވެއެވެ.

އަދި 2019 ވަނަ އަހަރު އުރީދޫން ވަނީ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް އެކުލަވައިލެވިފައިވާ މަސްވެރިންނަށް ހާއްސަ ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ.

އުރީދޫގެ އަމާޒަކީ، ކުރިޔަށް އޮތްތަނުގައިވެސް އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރާއި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނެސްދިނުން ކަަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް