ރޯދަމަހުގައި ކެއިންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތް (4)

މެއި 6، 2019: މާލެ، މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއީ ރޯދަމަހު ކެއުންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތާ ބެހޭގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކަލް ނިއުޓްރިޝަނިސްޓު ހެމާޝްރީ ނަރަޔަނަން ދެއްވާފައިވާ ޖަވާބުތަކެއްގެ ދިވެހި ތަރުޖަމާއެވެ.

މި ޖަވާބުތައް "ސަން"ގައި ޝާއިއުކުރާނީ ހަތަރު ލިޔުމެއްގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގެ ގޮތުގައެވެ. މިއީ މި ސިލްސިލާގެ ހަތަރުވަނަ، އަދި އެންމެ ފަހު ލިޔުމެވެ.

ފުރަތަމަ ބައި

ދެވަނަ ބައި

ތިންވަނަ ބައި

10. ރޯދައަށް ހުންނަ އިރު ސިއްހީ މައްސަލަތަކުން ރައްކާވުމަށް ކުރަންވީ ކޮންކަމެއް؟

ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ގެއްލިފައިވާ ފެން އަލުން ލިއްބައިދިނުމަށްޓަކައި، ރޯދަ ވީއްލުމަށްފަހު ގިނައިން ފެން ބޯންޖެހޭނެ. ބޮލަށް އެނބުރުން އެރުމާއި، ކޮޅަށް ނުހުރެވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލޮނު ނުވަތަ ހަކުރުކޮޅެއް އަޅައިގެން ފެން ތައްޓެއް ބުއިމުން ފަސޭހަވާނެއެވެ. ނުވަތަ ހަކުރު އެޅި ބުއިމެއް، ނުވަތަ ރީހައިޑްރޭޝަން ސޮލިއުޝަނެއްވެސް ރަނގަޅުވާނެއެވެ.

11. ރޯދަމަހު ކެއުންބުއިމުގައި ފެން ހިމަނަންޖެހެނީ ކިހާ ވަރަކަށް؟

  • ފެނަކީ ހަށިގަނޑުގައި އިލެކްޓްރޮލައިޓްސް ބެލެންސްކޮށްދޭ އެއްޗެކެވެ. އަދި ފެނަކީ ހަށިގަނޑުތެރޭގައި ހިނގާ ކެމިކަލް ރިއެކްޝަންތަކަށް އެހީތެރިވެދޭ އެއްޗެއް ކަމުން، ހަށިގަނޑަށް ނިއުޓްރިއެންޓްސް ނެގުމަށްޓަކައި ފެން ވަރަށް މުހިންމެވެ. ރޯދަމަހުގައި، އަދި ޚާއްސަކޮށް ހޫނު ދުވަސްވަރު ދުވަހުގެ ގިނަ ވަގުތު ރޯދައަށް ހުރުމުގައި، ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ފެނުގެ އިތުރުން ޖޫހާއި ސޫޕް، އަދި މޭވާއާއި ތަރުކާރީއަކީ ހަށިގަނޑަށް ފްލުއިޑްސް ލިއްބައިދޭ ރަނގަޅު ތަކެއްޗެވެ.
  • ރޯދައަށް ހުންނަ މީހާ، ރޯދައަށް ހުރުމަށް ތައްޔާރުވުމަށްޓަކައި އިތުރަށް ފެން ބުއިން އެދެވިގެން ވެއެވެ. ސަބަބަކީ، ފެނަކީ ކެލޮރީސް ހިމެނޭ އެއްޗަކަށް ނުވެފައި، އަދި ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ފްލުއިޑްސް ގެއްލޭ ގެއްލުން ފޫބައްދައިދޭތީއެވެ.
  • ކެލޮރީސް ގިނަ ބުއިންތަކުގެ ސަބަބުން ހަށިގަނޑު ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ. އަދި ސަޔާއި ކޮފީ ފަދަ ސްޓިމިއުލަންޓް ބުއިންތަކަކީ ޑިއުރިޓިކްސް ކަމުން، އެތަކެތީގެ ސަބަބުން ހަށިގަނޑުން ފްލުއިޑްސް މަދުވުން އެކަށީގެން ވެއެވެ. އޭގެ ބަދަލުގައި ގިނަ އަދަދަކަށް ފެނާއި ފްލުއިޑްސް ހިމެނޭ މޭވާއާއި ތަރުކާރީ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިސާލަކަށް ވޯޓާކްރެސް، އަދި ކަރާ ގިނައިން ބޭނުންކުރުން އެދެވިގެން ވެއެވެ.
  • ލޮނާއި އެހެނިހެން ހަވާދުގެ ބާވަތްތައް ހިމެނޭ ތަކެތި ކެއުމަކީ ކަރުހިއްކުމަށް މަގުފަހިވެދާނެ ކަމެކެވެ. ރޯދައަށް ހުންނަ ވަގުތު ކަރުހިއްކުމުގެ އިހުސާސް ކުރެވުމަށް މެދުވެރިވެދާނެތީ، ހާރުކެއުމަށް މިފަދަ ތަކެތި ކެއުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
  • ރޯދަ ވީއްލާ ވަގުތު ފިނި ފެން ބުއިމަށްވުރެ ތާފަނާ ފެން ބުއިމަކީ، ކާތަކެތި ހަޖަމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ގިނައިން ފެން ބުއިމަށް ބާރު އެޅުމުގެ ގޮތުން ފެނަށް ލުނބޯ ފޮތި ނުވަތަ މިންޓް ލީވްސް އެޅުމަކީ ކުރެވިދާނެ ކަމެކެވެ.
  • ފެނަކީ ދިރިހުރުމުގެ މުހިންމު ބައެކެވެ. ފެނާ ނުލައި، ހަށިގަނޑުގެ ބައެއް މުހިންމު މަސައްކަތްތަކެއް ކުރިއަކަށް ނުދާނެއެވެ.

12. މާބަނޑު ދުވަސްވަރު ރޯދައަށް ހުންނާނީ ކިހިނެއް؟

  • މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ނިއުޓްރިއެންޓްސްއާއި ފްލުއިޑްސް ވަރަށް ބޮޑަށް ބޭނުންވާނެ ދުވަސްވަރެކެވެ. މާބަނޑު ދުވަސްވަރު ރޯދަމަހާ އިއްތިފާގުވެ، ރޯދައަށް ހުންނަން ބޭނުންވާ ނަމަ ފުރަތަމަ ސިއްހީ މާހިރަކާ ވާހަކަ ދައްކާލާށެވެ.
  • މާބަނޑު ދުވަސްވަރު ރޯދައަށް ހުންނަން އެދޭ ނަމަ، މުޅި ރޯދަމަހު ރޯދައަށް ހުރުމުގެ ބަދަލުގައި ދުވަސްދުވަހަށް ބަހާލައިގެން ރޯދައަށް ހުރުން ފަދަ ގޮތެއް ޚިޔާރު ކުރެވިދާނެއެވެ. މިސާލަކަށް ދެ ދުވަހުން އެއް ދުވަހުން ރޯދައަށް ހުރުން، ނުވަތަ ހަފްތާ ބަންދުގެ ދުވަސްތަކުގައި ރޯދައަށް ހުރުން ފަދަ އޮޕްޝަނެއް ޚިޔާރުކުރެވިދާނެއެވެ.
  • ރޯދަމަސް ދިމާވަނީ ހޫނުގަދަ ދުވަސްތަކަކަށް ކަމަށް ވާނަމަ، ޑީހައިޑްރޭޝަންގެ ނިޝާންތައް ފެނޭތޯ ރަނގަޅަށް ބަލާށެވެ. ކަރުހިއްކުމުގެ އިތުރުން ކުޑަކަމުދާ ތަކެތި ގަދަ ކުލައެއްގައި ހުރުމަކީ ޑީހައިޑްރޭޝަންގެ ބައެއް ނިޝާންތަކެވެ. ބައެއް އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއެނބުރުން، ބޮލުގައި ރިއްސުން، ވަރުބަލިވުން، އަނގައާއި ކަރުތެރެ ހިކުން، އަދި މާ މަދުން ކުޑަކަމުދެވުން ހިމެނެއެވެ.
  • ރޯދައަށް ހުންނަ ވަގުތު ނުވަތަ އަރާމުކޮށްލުމަށްފަހުވެސް ބޯ އަނބުރައި، ވަރުބަލިވެ، އަނބުރައިގަތުން ނުވަތަ ޚަބަރު ހުސްވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ރޯދަ ވީއްލާނީ ފޮނި ބުއިމަކުން ނުވަތަ ލޮނުގަދަ ކާނާއަކުންނެވެ. ސަބަބަކީ ހަށިގަނޑުން ގެއްލިފައިވާ ހަކުރާއި ލޮނާއި ފެން އަލުން ހޯދުމަށެވެ. ޑީހައިޑްރޭޝަނުން ސަލާމަތްވުމަށްޓަކައި އަތްވަށް ނުވަތަ ބޭރުތެރެއަށް ނުނުކުމެ، ފިނި ތަނެއްގައި ނުވަތަ ގޭތެރޭގައި މަޑުކުރާށެވެ. އަދި ރޯދަ ވީއްލާ ވަގުތާއި ހާރުކާ ވަގުތު ގިނައިން ފެން ބޯށެވެ.
  • މާބަނޑު ދުވަސްވަރަކީ އާންމުކޮށް ފެން ބޯ މިންވަރަށްވުރެ ތައްޓެއް ނުވަތަ ދެ ތަށި ގިނައިން ފެން ބޭނުންވާނެ ދުވަސްވަރެކެވެ. ގިނައިން ފެން ބުއިމުގެ އިތުރަށް، ފެން ގިނައިން އެކުލެވޭ މޭވާއާއި ތަރުކާރީ، އަދި ސޫޕްއާއި ސުރުވާ (ސްޓޫ) ފަދަ ބާވަތްތަކުން ރޯދަ ވީއްލުމާއި ހާރުކެއުން އެދެވިގެން ވެއެވެ. މީގެ އިތުރުން މާ ލޮނުގަދަ ތަކެތި ޑައެޓުން ދޫކޮށްލުމަކީވެސް ރަނގަޅު ގޮތެކެވެ.
  • ރޯދަމަހު ސިއްހަތަށް ފައިދާހުރި، މިންހެޔޮ ޑައެޓެއް ކައި، އަދި މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބޭނެ މަގު ފަހިކުރުމަށްޓަކައި ސަޕްލިމެންޓްސް (ފޮލިކް އެސިޑް އަދި ވިޓަމިން ޑީ) ނެގުމަކީ މުހިންމު ކަމެކެވެ. އަދި މަޑުމަޑުން އެނާޖީ ރިލީޒްކުރާ ލޯ ގްލައިސެމިކް އިންޑެކްސް ފުޑް (ހޯލް މީލް ޕާސްތާ، ހޯލް މީލް ބްރެޑް، އޯޓްސް އަދި ބްރޭން ހިމެނޭ ސީރިއަލސް، ބީންސް އަދި އަންސޯލްޓެޑް ނަޓްސް) ހާރުކެރުމަށް ބޭނުންކުރުމަކީ ކުރެވިދާނެ ކަމެކެވެ.
  • ރޯދަމަހު ރޯދައަށް ހުރުމަށް ނިންމައި، ރޯދަހިފުން ކުރިއަށް ގެންދަނިކޮށް ބަލިވެއްޖެނަމަ ނުވަތަ ސިއްހީ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރަކާ ގުޅައި ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

(ނިމުނީ)

comment ކޮމެންޓް