ތައިލޭންޑުން އިއްޔެ އެއްވެސް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ނުވޭ

ތައިލޭންޑުގައި މިހާތަނަށް 3،017 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އަނަދޮލޫ

ބޭންކޮކް (މެއި 13): ތައިލޭންޑުން އިއްޔެ އެއްވެސް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ނުވާ ކަމަށް އެގައުމުގެ ސެންޓާ ފޯ ކޮވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ތަވީސިލްޕް ވިސަނުޔޮތިން ވިދާޅުވި ގޮތުގައި މިއަދުވެސް އެގައުމުގެ ކޮރޯނާވައިރަހުގެ ކޭސްތައް ހުރީ އިއްޔެއާ އެއްވަރަކަށެވެ. އެއީ މިހާތަނަށް އެގައުމުން ޕޮޒިޓިވްވި 3،017 މީހަކާއި ބަލީގައި މަރުވި 56 މީހެކެވެ.

އެ ސެންޓަރުން ބުނި ގޮތުގައި އެއީ މާޗް ނުވައެއްގެ ފަހުން އެގައުމުން ވައިރަހުގެ ކޭސްއެއް ނުފެންނަ ފުރަތަމަ ދުވަހެވެ. އަދި މި މަހުގެ ފަހެއްގެ ފަހުން އެގައުމުން ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 10އަކަށް ވުރެ އިތުރުވެފައި ނުވެ އެވެ.

ޑރ. ތަވީސިލްޕް ވަނީ އެގައުމުގައި ވައިރަހުގެ ކޭސްތައް މަދުވެފައި ވަނީ ކޭސްތައް ހޯދުމަށް ކުރާ މަސައްކަތްތައް މަދު ކުރުމުގެ ސަބަބުން ނޫންކަން ފާހަގަ ކުރައްވާފަ އެވެ. އަދި މިމަހުގެ އެކަކުން ފެށިގެން އެގައުމުން ވަނީ ބަލީގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންވެސް ޓެސްޓު ކުރަން ފަށާފައިކަން ހާމަ ކުރައްވާފަ އެވެ.

ބޭންކޮކް ޕޯސްޓުގައިވާ ގޮތުން މި މަހު އެގައުމުން 34،444 މީހަކު ވައިރަހަށް ޓެސްޓުކޮށްފައިވާ އިރު އޭގެ ތެރެއިން ވައިރަހަށް ޕޮޒިޓިވްވީ 0.18 ޕަސެންޓު މީހުންނެވެ. އަދި އެގައުމުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2،844އަށް އަރާފަ އެވެ.

ތައިލޭންޑުން މިހާރު ވަނީ އެގައުމުގައި ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަ ސަރަހައްދުތަކުގައި ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކޮށް، ބައެއް ވިޔަފާރިތައް ހުޅުވަން ހުއްދަ ދޭން ފަށާފަ އެވެ.

comment ކޮމެންޓް