ސައީދު ހުށަހެޅުއްވި ކޮވިޑްގެ ހާއްސަ ބިލް މިފަހަރުވެސް ބޭރުކޮށްލައިފި

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: އޭނާ ހުށަހެއްޅުވި ބިލު ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަހުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ހުށަހެޅުއްވި ބިލު ބަލައި ނުގަނެ އަނެއްކާވެސް އަނބުރާ ފޮނުވާލައިފި އެވެ.

މިއީ އޭނާ މި ބިލު އިސްލާހުކުރެއްވުމަށްފަހު ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރުވެސް އެ ބިލު މަޖިލީހުން ބަލައިގެންފައި ނުވަނީ ބިލުގައި ހުރި މާއްދާތަކުގައި ދައުލަތުގެ މާލިއްޔަތަށް އަސަރު ކުރާ ފަދަ ކަންތައްތައް ހުރުމުންނެވެ. މަޖިލީހުގެ ހަވާއިދު ބުނާ ގޮތުގައި ދައުލަތުގެ މާލިއްޔާއާ ގުޅުން ހުންނަ ޒާތެއްގެ ބިލެއް ހުށަހެޅޭނީ، ސަރުކާރުން ސްޕޮންސާކޮށްގެން ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށެވެ.

އެހެންވެ، އެ ބިލް އިސްލާހުކުރަން އެދިވަޑައިގެން މަޖިލީހުގެ ރައީސް އެ ބިލް ބޭރުކޮށްލެއްވުމުން ބަދަލުތަކެއް ގެނެސް ސައީދު ވަނީ އިއްޔެގެ ވަގުތެއްގައި އަނެއްކާ ވެސް އެ ބިލް މަޖިލީހަށް ހުށަހަޅައިފަ އެވެ.

ދެވަނަ ފަހަރަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައިސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ބިލަކީ، މަޖިލީހުގެ ގަވައިދުގައި ވަރަށް ސަރީހަކޮށް ބުނާ ފައިސާއާ ގުޅޭ ބިލެއް ކަމަށެވެ. އަދި ގަވައިދުގައިވާ ގޮތުގެ މަތިން މި ބިލު ސައީދަށް ހުށަ ނޭޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ކަމުން ބިލު ބަލައިގަނެވެން ނެތްކަން ރިޔާސަތުން މަޖިލިސް، ރައީސް ނަޝީދު އިއުލާން ކުރެއްވި އެވެ.

"އެއިރަކު ސަރުކާރެއްގައި ތިއްބަވާ ސަރުކާރު ހިންގަވާ ޕާޓީގެ ފަރާތުން [މާލިއްޔާގެ ބިލްތައް] ހުށަހެޅޭ ގޮތަށް މި މަޖިލީހުގެ ގަވައިދުގައި އޮތް މައްސަލައެއް މިއީ. އެހެންކަމުން އަޅުގަނޑަށް އިއްޒަތްތެރި މެމްބަރުގެ ބިލް ބަލައި ގަނެވެން ނެތް ވާހަކަ ހިތާމަޔާ އެކު ދަންނަވަން،" ބިލާއެކު ސައީދު މަޖިލީހަށް ފޮނުވި ސިޓީގެ ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ސައީދު ހުށަހެޅުއްވި ބިލުގައި ސޯޝަލް ފްލެޓްތަކުގެ ކުލި، ދައުލަތުގެ ވިޔަފާރި ބިންތަކުުގެ ކުލި، ދަނޑުވެރި ބިންތަކުގެ ކުލި، ފަތުވެރިކަމުގެ ބިމުގެ ކުލި ނުވަތަ ރިސޯޓުތަކުން ދައްކަން ޖެހޭ ކުލިީގެ 50 ޕަސަންޓް ވަކި މުއްދަތަކަށް ފަސްކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ. ގިނަ ކުލިތައް ހުރީ ހަ މަސްދުވަހަށް ފަސް ކުރުމަށެވެ. ބިލުގައި ބުނާ ގޮތުން، ބިލުގައި ހިމެނޭ މާއްދާތައް މާނަކުރަންވާނީ އަދި ތަންފީޒު ކުރަންވާނީ ދައުލަތުގެ އާމްދަނީއަށް އުނިއިތުރުކަމެއް ނާންނާނޭގޮތުގެ މަތިންނެވެ.

ބިލާއެކު ސައީދު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ބިލު މިހާރު ހުށަހަޅާފައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް އެއްވެސް އުނި އިތުރު ކަމެއް ނާންނާނެ ކަން ފާހަގަ ކުރައްވައިފަ އެވެ. އެހެން ކަމުން މިހާލަތުން އަރައިގަތުމަށް ރައްޔިތުންނަށް އެހީތެރިވުމަޓަކައި ބިލު ބަލައިގަތުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.

https://sun.mv/136581

comment ކޮމެންޓް