ކޮރޯނާވައިރަސް: ސްޕެއިންގެ 113 އަަހަރުގެ އަންހެނަކު ބަލިން ރަނގަޅުވެއްޖެ

ސްޕެއިންގެ އެންމެ އުމުރުން ދުވަސްވީ އަންހެން މީހާ ކަމަށް ބެލެވޭ މާރިއާ ބްރަންޔަސް ވަނީ ކޮވިޑް-19 ބަލިން ރަނގަޅުވެފަ -- ފޮޓޯ: ދަ ޓައިމްސް

މެޑްރިޑް (މެއި 13): ސްޕެއިންގެ އެންމެ އުމުރުން ދުވަސްވީ އަންހެން މީހާ ކަމަށް ބެލެވޭ މާރިއާ ބްރަންޔަސް ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބަލިން ރަނގަޅުވެއްޖެ އެވެ.

އުމުރުން 113 އަހަރުގެ ބްރަންޔަސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ މާޗް މަހު ސްޕެއިން ލޮކްޑައުންއަށް ދިޔަ ފަހުންނެވެ. ނަމަވެސް އޭނާގެ ފަރާތުން ސީރިއަސް އަލާމާތްތަކެއް ނުފެނި މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ނަވާރަސަތޭކަހަތް ވަނަ އަހަރު މެކްސިކޯއަށް އުފަންވި ބްރަންޔަސް އާއި އޭނާގެ އާއިލާ ސްޕެއިންއަށް ބަދަލުވީ އޭނާގެ އުމުރުން އަށް އަހަރުގަ އެވެ. އަދި ބްރަންޔަސްގެ ހަޔާތުގައި އޭނާ ވަނީ 1918އިގައި ފެތުރުނު ސްޕެނިޝް ފްލޫ އާއި 1936 އާއި 1939އާ ދެމެދު ކުރިއަށް ދިޔަ އެގައުމުގެ ދާހިލީ ހަނގުރާމަ ދެކެފަ އެވެ.

ބްރަންޔަސްގެ ތިން ދަރިންނާއި 11 މާމަދަރިންނާއި މުނިމާމަ ކިޔާ 13 ކުދިން ހުރެ އެވެ.

ބްރަންޔަސް ފާއިތުވި 20 ވަރަކަށް އަހަރު ހޭދަކޮށްފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ ސެންޓަރެއްގަ އެވެ. އެ ސެންޓަރުން ވަނީ މިދިޔަ ހަފްތާގައި އޭނާ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ.

ނަމަވެސް އެ ސެންޓަރުގައި ބަލަހައްޓަމުން ދިޔަ ބައެއް މީހުން ކޮވިޑް-19 ޖެހިގެން މަރުވިކަންވެސް އެ ސެންޓަރުން ފާހަގަ ކުރި އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ސީރިއަސްވުމުގެ ފުރުސަތު އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތައް ހުންނަ މީހުންނެވެ. ނަމަވެސް ސްޕެއިންގައި މީގެ ކުރިން ކޮވިޑް-19 ޖެހުނު އުމުރުން 101 އަހަރުގެ އަންހެނަކާއި 107 އަހަރުގެ އަންހެނަކުވެސް ބަލިން ރަނގަޅުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސްޕެއިންގައި މިހާރު ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވުމުން އެގައުމުން ވަނީ ލޮކްޑައުންގެ ގަވާއިދުތައް ލުއި ކުރަން ފަށާފަ އެވެ. އެގައުމުގައި މިހާތަނަށް 228،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 26،900އަށް އަރާފަ އެވެ.

comment ކޮމެންޓް