މާޔޫސްނުވޭ، ﷲގެ ރަހުމަތް ވަރަށް ތަނަވަސް!

ދުނިޔެއަކީ ވަގުތީ ތަނެކެވެ. ކުރުގޮތަކަށް ބުނާނަމަ އިމްތިހާނެކެވެ. ކޮންމެ މީހަކަށްވެސް ހިތާމައާއި އުފާތަކާއި ކުރިމަތިލާންޖެހޭއިރު ﷲ ގެ ރަޙްމަތުން މާޔޫސް ނުވުމަކީ ވަރަށް މުހިންމުކަމެކެވެ.

ހެޔޮ ކަންކަމުގައާއި އަދި ނުބައި ކަންކަން މެދުވެރި ކުރެއްވުމުގައި މާތްﷲ އަހަރެމެން އިމްތިޙާން ކުރައްވާނެކަން ކީރިތިގުރުއާނުގައި ވަނީ ވަހީކުރައްވާފައެވެ.

"އެކިއެކި ވަބާތައް ކުރިމަތިވުން، ފިތުނަތައް ކުރިމަތިވުން، އަޅުގަނޑުމެންގެ ލޯބިވާ ގާތް މީހުން މަރުވެގެން ދިޔުން، އިޤްތިސާދީ ހީނަރުކަން ކުރިމަތިވުން، މުދާ މަދުވެދިޔުން، މިކަންކަމަކީ މިއީ މުޅިންވެސް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ގޮތުގައި އިމްތިހާނުތަކެވެ." ޑރ.ޝަހީމް ވިދާޅުވި އެވެ.

އެއާއެކު މާތްﷲ ކީރިތި ޤުރުއާނުގައި ކެތްތެރިންނަށް އުފާވެރިކަމުގެ ހަބަރެއް ދެއްވާފައިވެއެވެ. މިގޮތުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. އަދި "އެމީހުންނަށް މުޞީބާތެއް މެދުވެރިވެއްޖެ ހިނދެއްގައި އެމީހުން ބުނާނެތޭ އަހަރެމެންގެ ހުރިހާ ކަމެއް ވަނީ ﷲ އަށެވެ. އަހަރުމެން އެނބުރި ދިޔުންވެސް ވަނީ ﷲ އަށެވެ. " ޙަޤީޤީ މުއުމިނުންނަކީ އެއީ އެވެ. މީގެ އިތުރުންވެސް ކެތްތެރިންނަށް މާތްﷲ ޘަވާބާއި ދަރުމަ ދެއްވަނީ ހިސާބު ބެއްލެވުމެއް ނެތިކަމަށްވެސް ގުރުއާނުގައިވެއެވެ.

ކޮވިޑް19 ފެތުރިގެންދާ މިދުވަސްވަރު އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާންޖެހެއެވެ. ކެތްތެރިވާންޖެހެއެވެ.

" ﷲ ގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދެންވީ. ﷲ އަށް ޔަޤީންކަމާއި އެކު ދުޢާ ކުރަންވީ. މާޔޫސް ނުވާންވީ. ކޮންމެ މުސީބާތަކީ އޭގެ ވަގުތުގައި ފިލައިގެންދާނެ ކަމެއް. އެއްވެސް ބަލިމަޑުކަމެއް މިދުނިޔޭގައި ދާއިމާށް ދެމިގެންނެއް ނުދާނެ. އެކަންކަން އެއީ ނިމިގެންދާނެ ކަންކަން ވަކި މުއްދަތެއްގައި."ޑރ ޝަހީމް ވިދާޅުވިއެވެ.

މާތް ﷲ ވަހީކުރައްވާފައެވެ. " ކޮންމެ އެއްޗެއް އުފައްދާފައި ވަނީ ވަކި މިންވަރަކަށް. ވަކި މުއްދަތަކަށް " އެހެންވީމަ އެ މުއްދަތު ޖެހުނީމަ ނިމިގެންދާނެއެވެ. އެއާއެކު ޔަޤީންކަމާއި އެކު މާތްﷲ އަށްދުޢާ ކުރަންޖެހޭނެކަން ފާހަގަކޮށް، ވަޞީލަތްތަކުގައާއި، އިރުޝާދުތައް ޤަބޫލުކޮށް ﷲ އަށް ހެޔޮދުޢާކޮށް ވަބާތަކުގައާއި މުޞީބާތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ޑރ.ޝަހީމް ނަސޭހަތްތެރިވިއެވެ.

"އެހެންވީމަ މާޔޫސްވުމެއް ނެތް. ސައްޔިދްނާ އައްޔޫބު އަލައިހިއްސަލާމް 18 އަހަރަށް ފަހުގައި ﷲ އަށް ދުޢާ ދެންނެވީ އެކަލޭގެފާނަށް ލިބިފައިވާ ގެއްލުމުން ސަލާމަތްކޮށްދެއްވުމަށް. ﷲ އަށް ޔަޤީން ކަމާއި އެކު ދުޢާ ދެންނެވީމާ ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީ. ޔޫނުސް އަލައިހިއްސަލާމް ބޮޑުމަހުގެ ބަނޑުން ނެރުއްވާ އަލުން ރަސޫލު ކަމައިގެން ފޮނުއްވި. ޔައުޤޫބު އަލައިހިއްސަލާމްއަށް މާތްﷲ ޔޫސުފް ގެނެސްދެއްވި. ޒަކަރިއްޔާ އަލައިހިއްސަލާމަށް މާތްﷲ ދަރިކަލެއް ދެއްވި އެންމެ މުސްކުޅިފުޅު ވެފައި ވަނިކޮށް. އެހެންވީމަ ﷲ ހަޟްރަތުގައި މާޔޫސްވުމެއް ނެތް. " ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅަށް އިޝާރާތްކުރައްވާ ޑރ.ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން ހިތަށް މޮޅިވެރިކަން އިހުސާސްކުރެވިފައި މިވާ މި ނުރައްކާތެރިވަގުތުގައި މުސްލިމުންގެ ހައިސިއްޔަތުން ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރުކަމުގައިވާ 'ދުއާ' ގެ ބޭނުންހިފައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ކެތްތެރިކަން އިސްކުރައްވާށެވެ.

comment ކޮމެންޓް