ދީފާނެ ހަމަލާއަކުން ރާއްޖެ ދިފާއު ކުރުމަށް ސިފައިން ތިބީ ތައްޔާރަށް: ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެން ދީފާނެ ހަމަލާއަކުން ރާއްޖެ ދިފާއު ކުރުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަމާލު ވިދާޅުވީ ކޮވިޑް19ގެ މި ހާލަތުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ އަދަދެއްގެ ސިފައިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ގައުމީ ސަލާމަތް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ނެޝަނަލް ސެކިއުރިޓީ ކޮމްޕްރޮމައިޒްއެއް ނުކުރާނަން. ނެޝަނަލް ސެކިއުރިޓީ ކޮމްޕްރޮމައިޒް ނުކުރާނަމޭ މި ދަންނަވާ ބަހުގެ މާނައަކީ އަޅުގަނޑުމެންގެ އެލީޓް ޔުނިޓުތައް މިހާރު ވެސް އެތިބީ ވަކިން ބައިތިއްބާފައި، ފޯސް ރިޒާވްކޮށްފައި އެތިބީ ވަކި ތަންތަނުގައި. ހާއްސަކޮށް ފޯސްގެ ލީތަލް ކޮމްބެޓް ކެޕޭސިޓީ އެއްވެސް ވަރަކަށް ޑިމިނިޝްވެގެން ނުދޭ. ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޝަމާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކޮމްބެޓް ޔުނިޓްތައް އެތިބީ ޕްރިޒާވްކޮށްފައި އަދި ކޮންމެ ދުވަހަކު އެ ރިވިއުކޮށް، ކަމެއް ދިމާވެއްޖެއްޔާ އެކަމަކަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް މިތިބީ ތައްޔާރަށް. ގައުމީ ސަލާމަތް މިކަމުގެ ސަބަބުން އަދި މިކަހަލަ ނާޒުކު ދަނޑިވަޅެއްގައި އެއްވެސް ބަޔަކު މީގެ އެޑްވާންޓޭޖް ނަގައިގެން ކަމެއް ކުރަން ރާވާ ކަމަށް ވާނަމަ އެކަމަކަށް ވެސް ވިސްނާނަން،"

ކޮވިޑް19 އާ ގުޅޭ އެކި ކަންކަމުގައި ގިނަ އަދަދެއްގެ ސިފައިން (ހާއްސަކޮށް ސަޕޯޓް ސާވިސްގެ ސިފައިން) ދަނީ ކަމާބެހޭ ފަރާތްތަކާއެކުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް 40 އަށްވުރެ ގިނަ ސިފައިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް