މޯލްޑިވް ގޭހުގެ ހިދުމަތްތަކަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި

މޯލްޑިވް ގޭހުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި އެވެ.

މޯލްޑިވް ގޭސްގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިއީ ކޮވިޑް19އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.

މި ނިންމުމާ އެކު މިއަދުން ފެށިގެން އެކުންފުނީގެ ހިދުމަތްތަކަށް ފައިސާ ބަލައިގަތުން ވަނީ 100 ޕަސެންޓު ކޭޝްލެސްކޮށްފަ އެވެ. އަދި އޮންލައިންކޮށް ފައިސާ ބަލައިގަތުމަށް އެކުންފުނިން ވަނީ ދެ ގޮތެއް ހަމަޖައްސައިދީފަ އެވެ.

ފުރަތަމަ ގޮތަކީ މޯލްޑިވް ގޭހުގެ ވެބްސައިޓުން އޯޑަރު ކުރުމަށް ފަހު ވެބްސައިޓުން ފައިސާ ދެއްކުމެވެ.

ދެ ވަނަ ގޮތަކީ މޯލްޑިވް ގޭސްގެ ހޮޓްލައިން ނަންބަރު 1616އަށް ގުޅުއިގެން އޯޑަރު ކުރުމަށް ފަހު އެކުންފުނީގެ ބީއެމްއެލް އެކައުންޓަށް (770426484001) ފައިސާ ޓްރާންސްފާ ކުރުމެވެ.

ހޮޓްލައިން ނަންބަރަށް ގުޅައިގެން ކުރާ އޯޑަރުތައް ޕްރޮސެސް ކުރަން ފަށާނީ މޯލްޑިވް ގޭހުގެ 7021616 ނަންބަރަށް ފައިސާ ޓްރާންސްފާ ކުރި ސްލިޕް ވައިބާ ކުރުމުންނެވެ.

ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލި ނަމަވެސް މޯލްޑިވް ގޭހުގެ އައުޓްލެޓަށް ގޮސްގެން ވެސް އޯޑަރު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އައުޓްލެޓަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަކީ މެންދުރު ފަހު 3:30 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 10:30 އިން 12:30އާ ހަމައަށެވެ.

comment ކޮމެންޓް