މަސްވެރި ރަށަކުން ތަފާތު ވަޑިއެއް! އެތައް ހުނަރެއް!

މަސްވެރިކަމަށް މަޝްހޫރު ގއ. ގެމަނަފުށީގެ މައި މަގުން ހިނގާފައި ދިޔައިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މަގު މެދުގައި ހަދާފައި ހުރި 30 ހަކަށް ފޫޓް އުސް ގަޑި ޓަވަރެކެވެ. އިސްލާމީވަންތަކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މި ގަޑި ޓަވަރަކީ، މިހާތަނަށް ރާއްޖޭގެ ރަށަކުން ފެނުނު އެންމެ ތަފާތު އެއް ބިނާ އެވެ. އެ ގަޑި ޓަވަރާ ގުޅޭ މައުލޫމާތު އެއްކުރުމުން އެނގުނީ އެ ބިނާ ހެދުމުގެ ހިޔާލު އުފަންކޮށް އެ ބިނާ ހެދުމުގެ ހުރިހާ މަސައްކަތެއްހެން ކުރީ ގެމަނަފުށީގެ ޒުވާން ވަޑިއެއް ކަމެެވެ. މިއީ އުމުރުން 34 އަހަރުގެ އަލީ މުރުތަޟާ އެވެ. މުޅި ރަށަށް މަޝްހޫރު ކުޅަދާނަ ވަޑިއެކެވެ. މުރުތަޟާއާ ބައްދަލުވީ އޭނާގެ މަސައްކަތްތައް ހިންގާ ވޯކްޝޮޕުންނެވެ. މަސްވެރި މިރަށުގައި މުރުތަޟާއަކީ ތަފާތު މަސައްކަތެއް ކުރާ ތަފާތު ޒުވާނެކެވެ.

ގެމަނަފުށީ ގަޑި ޓަވަރު --- ފޮޓޯ:މާޝާ ނައީމް

ރާއްޖޭގައި އަދި ފެންނަން ނެތް މުޅީން ތަފާތު ވައްތަރެއްގެ މޮނިއުމެންޓެއްގެ ވާހަކަ މުރުތަޟާއާއި އޭނާގެ ބައިވެރިންތަކެއް އިސްވެ ގެމަނަފުށީ ކައުންސިލަށް ހުށަހެޅުމުން ކައުންސިލަށް ވެސް ފުރަތަމަ ލިބުނީ ހައިރާންކަމެކެވެ. މިއީ ހަމަ އަސްލުވެސް ވެދާނެ ކަމެއް ކަމާ މެދު ކައުންސިލަށް ވެސް ސުވާލު އުފެދުނެވެ. ގަޑި ޓަވަރަކީ ދުނިޔެއަށް މަގުބޫލު ނަމަވެސް ވެރިރަށް މާލެ ނޫނީ ރާއްޖޭގައިވެސް އަދި އެފަދަގޮތަކަށް އިމާރާތްކުރެވުނު އެއްޗެއް ނޫނެވެ.

އެހެންކަމުން ރާއްޖޭގެ އެންމެ ދެކުނަށް އޮތް އަތޮޅެއްގެ މަސްވެރި ރަށެއްގައި މިހާބޮޑު މަސައްކަތެއް ހަމަ ރަނގަޅަށްވެސް ކުރެވިދާނޭ ކަމާ މެދު ސުވާލު އުފެދުނީ އެވެ. އެކަމަކު މުރުތަޟާ ބުނީ، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާ ރިސްކް ނެގުމަކީ އޭނާ ކުރާ ހިތްވާ ކަމެކެވެ.

"ތިމަންނަ އެކަނިވިޔަސް ﷲގެ އިރާދަފުޅާއިއެކު މިފަހަރު މި ގަޑި ޓަވަރު ނިންމާނަމޭ އަޅުގަނޑު ބުނިން. އެ ހިސާބުން އޭގެ މަސައްކަތް ފަށައިގަތީ،" މުރުތަޟާ ކިޔައިދިނެވެ.

އެގޮތުން، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ އެކެއްގައި، ގަޑި ޓަވަރުގެ މަސައްކަތް ނިންމާލިއިރު ފެންނަން އެހެރީ މުރުތަޟާއާއި އޭނާގެ ބައިވެރިންގެ ހިތްވަރެވެ. ހުނަރާއި ފަންނުވެރިކަމުން ފުރިފައިވާ ޒުވާން ސިކުޑިތަކެއްގެ މަސައްކަތެވެ. އެ މީހުން ގޮންޖަހާލި މުޅި ރާއްޖެއަށެވެ.

"ބޭނުންވީ ރާއްޖޭގެ ނެތްފެންވަރުގެ އެއްޗެއް ހަދާލަން. އެހެންވެ ގަޑި ޓަވަރެއް ހިޔާލުކުރީ. އެއީ ވަރަށް ބުރަ މަސައްކަތެއް، އެ ކުރަހާ، ހުރިހާކަމަކައް ގާތްގަޑަކަށް ހަތަރުވަރަކަށް މަސްވި، ދެން ފަހުން އޭގެ ހުރިހާ މަސައްކަތެއް ފެއްޓީ، ފަށައިގެން ގާތްގަނޑަކަށް ހައެއްކަ މަސްދުވަސްތެރޭ ނިމިފަ މިހިރީ،" މުރުތަޟާ ބުންޏެވެ.

މުރުތަޟާ އޭނާގެ މަސައްކަތުގައި--- ފޮޓޯ މާޝާ ނައީމް

ކިއްސަރު ވަޑާމާއި ތެދުވި ވަޑާމަށްވެސް ނުހަނު ފަރިތަ މުރުތަޟާގެ ހުނަރު އެތައް ކަމެއްގައި އެބަ އޮތެވެ.

ރަސްމީ ވަޒީފާއެއްގެ ގޮތުގައި އެންމެ ފުރަތަމަ އާމްދަނީއަކަށް ކުރި މަސައްކަތަކީ، 2008 ވަނަ އަހަރު، މިހާރުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ވަޓަވައްރެހާ ރިޒޯޓުގެ ސީލިންކުރުމާއި މުށިޖެހުމާއި ހިޔާކުރުމުގެ މަސައްކަތެވެ. އޭގެ ފަހުން، ގެމަނަފުށީގައި އިމާރާތްކޮށްފައިވާ މަސްޖިދުލް އިބްރާހިމްގެ ހުރިހާ ވަޑާމުގެ މަސައްކަތްތަކަކީ މުރުތަޟާގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން ވަރަށް ފުރިހަމައަށް ފެންނަން ހުރި މަސައްކަތެކެވެ.

މިހާ ބޮޑެތި މަސައްކަތްތަކެއް ޒުވާން އުމުރުގައި ކުރުމުގެ ފުރުސަތު ލިބުނުއިރު، ވަޑާމުގެ މަސައްކަތް މިހާ ފުޅާކޮށް ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް ލިބުނީ ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ހުރިހާ ފަރުނީޗަރުތަކެއް ޖެހުމުގެ މަސައްކަތުގެ ތެރެއިންނެވެ.

"މަސްޖިދުލް އިބްރާހިމްގައި ކޮށްފައި ހުރި މަސައްކަތްތައް ފެނިފައި ފުރުސަތު ލިބުނީ ހުޅުމާލޭގެ ޕެރީލިއަން ގެސްޓްހައުސްގެ ފަރުނީޗަރުތައް ޖަހާދޭން. އެ މަސައްކަތަށް މާލެއަށް ގޮއްސަ އައިސް ހިތަށް އެރީ މިއީ ކުރެވޭނެ ކަމެކޭ.. އެއަށްފަހު މި މަސައްކަތް މިހާ ފުޅާކޮށް މި ކުރިއަށްގެންދަނީ،" މުރުތަޟާ ބުންޏެވެ.

މުޅީން ކޮންކްރީޓް ބޭނުންކޮށްގެން ހަދާފައިވާ ގެމަނަފުށީގެ ގަޑި ޓަވަރުގެ ޑިޒައިނަށް ބަލާއިރު ބޮޑަށް ރަމްޒުކޮށްދެނީ އަރަބި އިސްލާމީވަންތަ ގޮތްގަނޑެކެވެ. ޓަވަރުގެ އެންމެ މަތީގައި ގުއްބެއް ބެހެއްޓިފައިވާ ވެއެވެ. މި ޓަވަރު އިމާރާތްކުރުމަށް އައި އެންމެ ބޮޑު ޗެލެންޖަކީ ޓަވަރުގެ ބައްޓަމެވެ. މަތީން ފެށިގެން 12 ފޫޓު ހިމަކޮށް ހުންނައިރު، ތިރީބައި ހުންނަނީ ފަލަކޮށެވެ.

މުރުތަޟާ ބުނާގޮތުން ޓަވަރުގެ ފަރުމާގައި ހުރި މި އުނދަގޫތައް ފަސޭހަކުރުމަށްޓަކައި އޭނާ ޖެހުނީ އަމިއްލައަށް ތައްގަނޑުތަކެއް ހަދައިގެން ކުރިއަށްގެންދާށެވެ.

ގެމަނަފުއްޓަކީ މަސްވެރި ރަށެއްގެގޮތުގައި މަޝްހޫރު ރަށަކަށްވާއިރު، މުރްތަޟާ އެންމެ އުފާކުރަނީ ރަށުގައި އަނބިދަރީން ކައިރިހުރެ، މަސައްކަތްކޮށްގެން އާމްދަނީ ހޯދޭނެ މަގުފަހިވެފައި ވާތީ އެވެ.

" ހެނދުނު 7 ޖަހާކަންހާއިރު މަސައްކަތް މި ފަށަނީ ވަޑާންގެއިން، އެކި ތަންތާ އެކި މީސްމީހުން ބުނާ މަސައްކަތް ކުރުމަށްފަހު އަނެއްކާވެސް ވަޑާންގެއަށް އައިސް، ގާތްގަޑަކަށް ރޭގަނޑު އެގާރަ ބާރަ ޖަހާކަންހާއިރު މަސައްކަތް ނިންމާލަން، އެގޮތައް މަސައްކަތް ރާވާފަ އޮންނަނީ.ދެން ބައެއް ރޭރޭ ނިންމާލާފައި މަހަށްވެސް ގޮސްލަން" މުރްތަޟާ ބުންނެވެ.

މުރުތަޟާ އޭނާގެ މަސައްކަތުގައި--- ފޮޓޯ:މާޝާ ނައީމް

އާންމުގޮތެއްގައި މުރްތަޟާ މަސައްކަތްކުރަނީ އެކަންޏެވެ. އެހެންނަމަވެސް، އެއްފަހަރާ މާ ގިނަ ޕްރޮޖެކްޓްތަކެއް ލިބި، މަސައްކަތް ބުރަވާނަމަ ރަށުތެރެއިން އެހީތެރިންތަކެއް ހޯދަ އެވެ.

ގަޑި ޓަވަރުގެ އިތުރުންްވެސް ގެމަނަފުށީގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގައި މުރުތަޟާގެ ހިއްސާ އެބައޮތެވެ. މިގޮތުން ރަށުގެ އެއް ބީޗުކަމުގައިވާ ޒީރޯގެ ހަޓަކީވެސް މުރުތަޟާގެ މަސައްކަތެކެވެ.

އޭގެ އިތުރުން އޭނާ ދަނީ ރަށުގެ ޖެޓީގެ މަސައްކަތްވެސް ކުރަމުންނެވެ. އޭނާ ބުނާގޮތުން ކުޑަ ފައިދާއެއް ލައިގެން ކުރާ މި މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ފިލާތަކުގެ އަގުބޮޑުކަމުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް މަސައްކަތް ފުޅާކުރުމުގެ އުންމީދުގައި ހުރިއިރު އޭނާ ބަލަމުންދަނީ ބެންގްކޮކުން ފިލާއެތެރެކޮށް މިކަމަށް ބޭނުންވާ ހާއްސަ އާލަތްތައްވެސް ހޯދައިގެން ކުރިއަށް ދިއުމަށެވެ.

މުރުތަޟާގެ ގަޑިޓަވަރު ކިތަންމެހާވެސް ފުރިހަމަ އެވެ. ރަށަށްއަރާ ދޭސީންނާއި ބިދޭސީންގެ ސަމާލުކަން ޔަގީނަށް ވެސް އެ މަސައްކަތަށް ދަމައިގަންނާނެ އެވެ. އާއިލާގައި ވަޑާމުގެ ތާރީހެއް ނެތަސް މުރްތަޟާ ސާބިތުކޮށްދެނީ އަމަލީ ތަޖުރިބާއިންނާއި އަމިއްލަ ހުނަރުން ކުރިއެރޭނެ ކަމެވެ.

comment ކޮމެންޓް