ރަޝިއާގެ ހޮސްޕިޓަލެއްގައި ރޯވެ، ކޮވިޑް ބަލީގެ ފަސް މީހަކު މަރުވެއްޖެ

ރަޝިއާގެ ސެއިންޓް ޖޯޖް ހޮސްޕިޓަލްގެ އައިސީޔޫގައި ރޯވެ، ފަސް މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

މޮސްކޯ (މެއި 12): ރަޝިއާގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެޔާ ޔުނިޓުގައި މިއަދު ރޯވެ، ކޮވިޑް-19 ބަލި ޖެހިފައިވާ ފަސް މީހަކު މަރުވެއްޖެ އެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ހުރި ސެއިންޓް ޖޯޖް ހޮސްޕިޓަލުގެ އައިސީޔޫގައި ރޯވީ ވެންޓިލޭޓަރެއް ޝޯޓުވުމުން ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އަދި މަރުވި ފަސް މީހުންނަކީވެސް ވެންޓިލޭޓަރާ ގުޅާފައި ތިބި މީހުން ކަމަށް ނޫސްތަކުގައިވެ އެވެ.

"މިހާރު ލަފާ ކުރެވޭ ގޮތުގައި ވެންޓިލޭޓަރު އޯވާލޯޑުވެ، އަލިފާން ރޯވީ،" ސެއިންޓް ޕީޓާސްބާގްގެ އެމާޖެންސީސް ޑިޕާޓްމެންޓުގެ އޮފިޝަލަކު ވިދާޅުވި ކަމަށް އިންޓަފެކްސް ނޫސް އޭޖެންސީން ރިޕޯޓު ކުރި އެވެ.

ރަޝިއާގެ އެމާޖެންސީ މިނިސްޓްރީން ވަނީ އެ ހާދިސާއާ ގުޅިގެން ސެއިންޓް ޖޯޖް ހޮސްޕިޓަލުގައި ތިބި 150 ވަރަކަށް ބަލި މީހުން ނެރެ، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ބުނެފަ އެވެ.

ރަޝިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގައި މިދިޔަ ހޮނިހިރު ދުވަހުވެސް އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކު ވަނީ މަރުވެފަ އެވެ.

އެގައުމުގައި އެ ހާދިސާތައް ހިނގާފައި ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް ލުއި ކުރަން ނިންމާފައިވާކަން އިއްޔެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވި ފަހުންނެވެ. އެގޮތުން އެގައުމުގައި އިމާރާތް ކުރުމާއި ދަނޑުވެރިކަމާއި ފެކްޓަރީތަކުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އިއްޔެވެސް ރަޝިއާއިން ވަނީ އެގައުމުން ރެކޯޑު މިންވަރަކަށް މީހުން ވައިރަހަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފަ އެވެ. އަދި އެގައުމަކީ މިހާރު ދުނިޔޭގައި ވައިރަހުގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ ގައުމެވެ.

ރަޝިއާގެ ކޮރޯނާވައިރަހުގެ ކޭސްތައް މިހާރު 232،000އަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2،100އަށް ވުރެ އިތުރުވެފަ އެވެ.

comment ކޮމެންޓް