އިންޑިއާއިން ލިބުނީ މިވަގުތަށް މުހިންމު އެހީއެއް، ޝުކުރިއްޔާ: ރައީސް

ޖޫން 8، 2019: ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ފޮނުވި އެހީއަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ފޮނުވި 580 ޓަނުގެ ކާބޯތަކެއްޗާއެކު އެގައުމުގެ މަނަވަރު މިއަދު ހެނދުނު ވަނީ ރާއްޖެ އައިސްފައެވެ.

އިންޑިއާގެ ކާބޯތަކެތީގެ އެހީ ރާއްޖެއަށް ލިބުމާ ގުޅިގެން، ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ހާލަތުގައި ވެސް ރާއްޖޭގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި އިންޑިއާ ސާބިތުކަންމަތީ އޮތް ކަމަށެވެ.

އަދި އިންޑިއާއިން ފޯރުކޮށްދިން ކާބޯތަކެތީގެ އެހީއަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު އެހީއެއް ކަމަށާއި އެކަމަށްޓަކައި ބޮޑުވަޒީރު މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ:

200 ޓަނުގެ ހަނޑޫ
140 ޓަނުގެ ގޮދަން ފުށް
90 ޓަނުގެ ހަކުރު
120 ޓަނުގެ ރީނދޫ މުގު
26 ޓަނުގެ ފިޔާ
14 ޓަނުގެ އަލުވި

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ އެއީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.

އެގޮތުން މިޝަން ސާގަރްގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، ރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް އެ ހައިކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް