ރާއްޖެއިން އިންޑިއާ ރައްޔިތުން ގެންދަން އިތުރު ދަތުރެއް

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން ފުރުން -- ފޮޓޯ: އެމްޕީއެލް

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާމް ބޭނުންވާ މީހުން ގެންދިޔުމަށް އަންނަ ހުކުރު ދުވަހު އިތުރު ދަތުރެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ހުކުރު ދުވަހު ބާއްވާ މި ދަތުރުގައި ގެންދާނީ ހަމައެކަނި ކެރެލާ ސްޓޭޓަށް ނިސްބަތްވާ މީހުން އެކަނި ކަމަށެވެ. މި ދަތުރުގައި ގެންދާ މީހުންނަކީ އެނބުރި ގައުމަށް ދިޔުމަށް ބޭނުންވެ، ހައިކޮމިޝަނުގައި މިހާރުވެސް ރެޖިސްޓްރީ ކޮށްފައިވާ މީހުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މި ދަތުރު މީގެ ކުރިން ޕްލޭންކޮށްފައި އޮތީ މާލެ އިން ޓުޓިކޮރިން އަށް ކަމަށާއި ނަމަވެސް ޓެމިލް ނާޑޫ ސަރުކާރުން ހުއްދަ ނުލިބުމުން މިހާރު މި ދަތުރުގައި ދާ ރައްޔިތުންގެ ކަރަންޓީނު ފުރިހަމަ ކުރުމަށް އެހެން ސްޓޭޓަކަށް ގެންދަން ނިންމާފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމަށް ދެފަހަރެއްގެ މަތިން މިހާތަނަށް ވަނީ ދަތުރުތައް ބާއްވައިފައެވެ. މި ދަތުރުތަކުގައި 900 އަށް ވުރެ ގިނަ މީހުން ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.

މި ދަތުރުތަކުގައި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ.

ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ނިއުދިއްލީ، ޗެންނާއީ، މުމްބާއީ އަދި ބެންގަލޫރަށް ހާއްސަ ފްލައިޓުތަކެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޮޗިން އަށް ގެންދިޔަ މީހުން ގެންގޮސްފައިވަނީ އަސްކަރީ މަނަވަރެއްގަ އެވެ.

comment ކޮމެންޓް