އިންޑިއާގެ ގައުމީ ލީގު "އައިލީގު" ގައި ވާދަކުރާ ކުލަބުތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފޯމެޓަށް ބަދަލު ގެނައުމަށް މަޝްވަރާ ކޮށްފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އިންޑިއާގެ ފުޓުބޯޅަ ވެސް މެދުކެނޑިފައިވާ އިރު އެގައުމުގެ ކުލަބުތަކުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށެވެ. އެގޮތުން ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ގިނަ ކުލަބުތަކަކުން މިހާރު ފަށާފައިވާ އިރު އިންޑިއާގެ ފުޓުބޯޅަ އިދާރާ އައިއެފްއެފްއިން ވަނީ ކުޅުންތެރިން ގެނައުމުގެ ފޯމެޓަށް ބަދަލު ގެނައުމަށް ހުށައަޅާފަ އެވެ.
އެގޮތުން އައި ލީގުގައި ވާދަކުރާ ނުވަ ކުލަބުގެ އޯނަރުންނާއި އޮފިޝަލުންނާ އެކު މި ހަފުތާގެ ތެރޭގައި އައިއެފްއެފްއިން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އޭގެ ތެރެއިން ހަތް ކުލަބަކުން ވަނީ އައިއެފްއެފްގެ ހުށައެޅުމަށް ތާއީދު ކޮށްފަ އެވެ.
އައިއެފްއެފްގެ ހުށައެޅުމުގައިވާ ގޮތުން 2020-2021 ވަނަ ސީޒަނުން ފެށިގެން ކޮންމެ ކުލަބެއްގައި ވެސް ހިމެނޭނީ ބިދޭސީ ތިން ކުޅުންތެރިންނެވެ. އޭގެ އިތުރުން އޭއެފްސީގެ ގައުމަކުން ކުޅުންތެރިއަކު ގެންނަންޏާމު ހަތަރު ކުޅުންތެރިން ހިމެނޭ ގޮތަށް އައިއެފްއެފްއިން ކުލަބުތަކަށް ވަނީ ހުށައަޅާފަ އެވެ.
މިދިޔަ ސީޒަނަށް ބަލާއިރު، ޓީމުތަކުގައި ބިދޭސީ ކުޅުންތެރިން މާ ގިނަވުމުން ލޯކަލް ކުޅުންތެރިންނަށް އެކަމަކުގެ ސަބަބުން ގެއްލުންވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އައިއެފްއެފްއަށް ފާޑުކިޔައިފަ އެވެ.
އައިއެފްއެފްގެ ހުށައެޅުމަށް ދެކުލަބަކުން ދެކޮޅު ހަދާފައިވާ އިރު އެ ދެކުލަބުން ބޭނުންވަނީ އެންމެ މަދުވެގެން ބިދޭސީ ފަސް ކުޅުންތެރިން ޓީމުގައި ހިމެނުމަށް ކަމަށް އިންޑިއާގެ ރިޕޯޓްތަކުން ބުނެ އެވެ. އަދި ހުރިހާ ކުލަބުތަކެއްގެ ވާހަކަތައް އަޑުއެހުމަށްފަހު އައިއެފްއެފްއިން ގޮތެއް ނިންމާނީ ދެން އޮންނަ އެކްސްކޯ މީޓިންގަށް ފަހު ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އަންނަ މަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ޓްރާންސްފާ މާކެޓު ފަސް ކުރުމަށް ވެސް އައިއެފްއެފްއިން ވަނީ ބައްދަލުވުމުގައި ކުލަބުތަކާ އެކު މަޝްވަރާ ކޮށްފަ އެވެ.