ބީއެމްއެލްއިން ރިކަވަރީ ލޯން ދޫކުރި އަދަދު 100 މިލިއަން ރުފިޔާއަށް އަރައިފި

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، މުހައްމަދު ސައީދު ރިލީފް ލޯނާ ބެހޭ މައުލޫމާތު އެންއޯއީސީގައި ބޭއްވި ޕްރެސްއެއްގައި ދެއްވަނީ --

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ރިލީފް ލޯނުގެ ތެރެއިން މިހާތަނަށް 73 ކަސްޓަމަރަކަށް 100 މިލިއަން ރުފިޔާ ދޫކޮށްފައިިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ރިކަވަރީ ލޯނުގެ ދަށުން ބީއެމްއެލްއިން ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ވިޔަފާރީގެ އާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދާފައިވާ ވިޔަފާރިތަކަށެވެ.

"ސަން"އިން ކުރި ސުވާލަކާ ގުޅިގެން ބީއެމްއެލްއިން ހިއްސާކުރި މައުލޫމާތުތަކެއްގައި ބުނީ، ބޭންކުން އިވެލުއޭޓް ކުރުމަށްފަހު ފިނޭންސް މިނިސްޓްރިއިން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 92 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ލިޔުންތައް ފުރިހަމަ ކުރުމަށް ފަހު ބޭންކަށް އަނބުރާ ފޮނުވާފައިވާ 73 ކަސްޓަމަރަކަށް އިއްޔެއާ ހަމައަށް 100 މިލިއަން ރުފިޔާ ދޫކޮށް ނިންމާފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ވީހާވެސް އަވަހަކަށް ނިމުމަށްޓަކައި ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް އަވަހަށް ފޮނުވައިދިނުމަށް ބޭނުންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިލީފް ލޯނު ދޫކުރަނީ، އަހަރަކު ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ، ހަ މަސް ފަހުން ކަމަށްވާއިރު، ލޯނު އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.

ރިލީފް ލޯނުގެ އިތުރުން، ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރާ އެހެން ލޯނުތަކާއި ފައިނޭންސިން ފެސިލިޓީތަކަށް އެދެވޭނެ ކަމަށް ވެސް އެބޭންކުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވަމުންނެވެ.

މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ވެސް ބޭރަށް ފައިސާ ފޮނުވޭ ގޮތްވެސް ވަނީ މަގުފަހިކޮށްދީފަ އެވެ.

ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްދީފަ އެވެ.

comment ކޮމެންޓް