އައްޑޫއިން ކޮވިޑް19 ޓެސްޓް ހެދޭނެގޮތް މިމަސް ނިމޭރިއު ހަމަޖެހޭނެ: ސަރުކާރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީއިން ކޮވިޑް 19 އިގެ ޓެސްޓް ހެދޭނެ އިންތިޒާމު މިމަސް ނިމޭ އިރު ހަމަ ޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އައްޑޫއިން ކޮވިޑް 19 އަށް ޓެސްޓް ނުހެދޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހަަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ކޮވިޑް 19 އާ ގުޅިގެން އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރުންނާ އެކު ހެލްތު މިނިސްޓަރު އަމީން އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އެބައްދަލުވުމަށް ފަހު މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމުގެ އިންތިޒާމު މި މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯއާ ހަވާލާދީ ހެލެތު މިނިސްޓަރު އަމީން ވިދާޅުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި އޭގެ އިތުރުން މާލޭގައި ތާށިވެފައި ތިބި އައްޑޫ ރައްޔިތުންގެ ކަންކަން ހައްލު ކުރުމާއި އެހީގެ ގޮތުގައި ލިބޭ ތަކެތި ފަސޭހައިން އައްޑުއަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ އެގޮތުން އައްޑޫސިޓީގެ ހުރިހާ މެންބަރުން ވެސް ވަނީ އައްޑޫގައި ވީއެންމެ އަވަހަކަށް ކޯވިިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައި ކަމަށެވެ.

"އަދި އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން މިވަގުތު މާލެއިން ނުވަތަ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލުތަކާ ބެހޭ ގޮތުން އެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައި. ހަމަ އެއާއެކު އެސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުންނާ، އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީސްގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި." ރައީސް އޮފީހުން ބުންޏެވެ.

މެމްބަރުން އެދިލެއްވި ކަންކަން ސަރުކާރުން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެން.އީ.އޯ.ސީ މެދުވެރިކޮށް އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެބައްދަލުވުމުގައި މިނިސްޓަރު އަމީން ވަނީ ރަށްރަށަށް ކޯވިޑް-19 އާ ގުޅިގެން ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަން ޔަޤީންކޮށްދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯވިޑް-19 ޓެސްޓް ހެދުމަށް ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް އެމަނިކުފާނު ވަނީ ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައި. އަދި ސަރުކާރުން މިކަންކަން ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި." ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާ ނަމަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް އިންތިޒާމުކުރައްވާފައި ވާކަމުގައި މިނިސްޓަރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްޑޫ ސިޓީއިން ހާޓްއެޓޭކެއް ޖެހިގެން މާލެ ގެނައި މީހަކު ވަރަށް ފަހުން ކޮވިޑަށް ޕޮސިޓިވްވި އެވެ. އަދި ފަހުން ދެވަނަ ޓެސްޓް ހެދިއިރު އޭނާ ވަނީ ނެގެޓިވްވެފަ އެވެ.

comment ކޮމެންޓް