މިނިސްޓަރު ޒަހާ ޒިންމާ އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީއިން ނިންމައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމައިފި އެވެ.

ގަވައިދު ކޮމިޓީއިން އެގޮތަށް ނިންމާފައި ވަނީ ދިވެހި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައި ނުވާ މައްސަލަ ބެލުމަށް ފަހު އެވެ. މައްސަލަ ނިންމައި އެ ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ފިޝަރީޒް މިނިސްޓްރީއަށް ލާޒިމުކޮށްފައިވާ ގަވައިދުތައް އެ މިނިސްޓްރީއިން ހަދާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކިގޮތަކަށް އަމަލުކުރަން ވާނެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ ނަމަ އެއީ އެ ގާނޫނުން އުފައްދައި ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަން ވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

"ކަން މިހެން އޮތް އިރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ވަރަށް ސާފުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރަލް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން މިއަދާހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމުން އެ މިނިސްޓްރީއިން އެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކޮމިޓީއިން ގަބޫލުކުރާ ކަމަށާއި. މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ." ގަވައިދު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ކޮމިޓީއިން އެމައްސަލަ ދިރާސާ ކުރިއިރު ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް ގާނޫނު ބުނާ މުއްދަތަށް ގަވައިދުތައް ހަދާފައި ނުވާތީ އެކަމާ ގުޅިގެން ސުވާލު ކުރި ކަމަށެވެ. އަދި ގަވައިދު ހެދުން ލަސްވި ސަބަބެއް ކަމަށް މިނިސްޓްރީ އިން ބުނެފައި ވަނީ މިނިސްޓްރީގެ ފަރާތުން މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާތީ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް މިނިސްޓްރީ އިން ކޮމިޓީގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާ ބެހޭ ގޮތުން ކޮމިޓީ އިން ސުވާލު ކުރުމުން، އެ މަސައްކަތް އެކަށީގެންވާ މިންވަރަށް ކޮށްފައިނުވާކަން މިނިސްޓްރީ އިން ދިން ޖަވާބުން ފާހަގަވި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މިހާތަނަށް ހެދިފައި ނުވާ އެއް ސަބަބަކީ އެކަށީގެންވާ ވަސީލަތް ނެތުމާއި އެމަސައްކަތް ކުރަން ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުން ކަމަށް މިނިސްޓްރީ އިން ކޮމިޓީގައި ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެއިން އެއްވެސް މައުލޫމާތެއް މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ވަސީލަތާއި މުވައްޒިފުން ނެތިގެން ގަވައިދުތައް ނުހެދޭތީ އެޓާނީޖެނެރަލް އޮފީހުގެ އެހީތެރިކަމަށް ވެސް މިނިސްޓްރީ އިން އެދިފައިނުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ރައީސް އޮފީހުގެ އެހީތެރި ކަމަށް ވެސް އެދިފައި ނުވާ ކަމަށް ކޮމިޓީގައި މިނިސްޓްރީއިން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ކަނޑައަޅާފައިވާ މުއްދަތަށް ނިންމުމުގައި ސިޔާސީ ބޭފުޅުންގެ ފަރާތުން އެއްވެސް ޕްރެޝަރެއް ކުރިމަތިވެފައިވޭތޯ ކުރެއްވި ސުވާލުގައި. އެއްވެސް ޕްރެޝަރެއް ނެތްކަން މިނިސްޓްރީއިން ފާހަގަކޮށްފައިވާކަން." ގަވައިދު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަސްކިރުމުގެ މާކެޓް ހުޅުވާލުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެކްސްކްލޫސިވް އެގްރިމެންޓްތަކެއް އެކުލަވާލާފައިވާތީ ކަމަށް މިނިސްޓްރީ އިން ކޮމިޓީގައި ބުނި ނަމަވެސް މަސްކިރުމަށް ވެފައިވާ އެއްބަސްވުންތަކުގައި އެކްސްކްލޫސިވް ރައިޓްސްގެ ވާހަކައެއް ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ނެތް ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ކޮމިޓީގެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

comment ކޮމެންޓް