އައްޑޫގައި ޓެސްޓް ނުކުރެވޭ މައްސަލަ މަޖިލީހަށް ހުށަހެޅީ ސިޔާސީ ބޭނުމެއްގައި: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސިޔާސީ ބޭނުމެއްގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ކޮވިޑަށް ޓެސްޓް ނުކުރެވޭ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އޭނާ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހަޅަނީ އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތާއި، ރައްކާތެރިކަމުގެ ވަސީލަތްތަކާއި ފަރުވާދޭނެ އެކަށޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ކަމަށެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިޔާމް އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެއީ ބަޔަކަށް އޮޅޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަ އައްޑޫގެ އެކަނި ވާހަކަ ނައިފަރު މެމްބަރު ލާކަށް ނުޖެހޭނެ. އައްޑޫގައި ތިބީ ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރުން. އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަދައްކާ ހައްލު ހޯދާނަން." ރޮޒައިނާ ޓްވީޓްގައި ވިދާޅުވި އެވެ.

ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް 19 އާ ގުޅިގެން އައްޑޫގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ނައިބު ރައީސް ފައިސަލް ނަސީމާއެކު އައްޑޫގެ ހަތް މެމްބަރުން ބައްދަލުވުމެއް ބޭވި ކަމަށެވެ. އަދި އައްޑޫގައި ޓެސްޓް ހެދުމާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުވާނެ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

"މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި އައްޑޫގައި ވީހާވެސް އަވަހަކަށް ޓެސްޓް ކުރަން ފެށުން. ޕީޕީއީ ލިބޭނެ އިންތިޒާމުތައް. ކަރަންޓީނު ފެސިލިޓީ އިތުރުކުރުމާއި އެތަނުގެ ސެކިއުރިޓީގެ ކަންކަން. ޕޮލިސް ހިދުމަތް ވަރުގަދަކުރުން ހިމެނޭ." ރޮޒައިނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާލޭގައި ތާށިވެފައި ތިބި އައްޑޫ ރައްޔިތުންގެ ކަންކަން ހައްލު ކުރުމާއި އެހީގެ ގޮތުގައި ލިބޭ ތަކެތި ފަސޭހައިން އައްޑުއަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޕީޕީއީ ހުސްނުވެ އައްޑޫއިން ލިބޭނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރު އަދި ނައިބު ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓް ކުރުމުގެ އިންތިޒާމު މިމަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވާ ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމާ މެދު މިއަދު މަޖިލީހުގައި ގޮތެއް ނިންމާނެ އެވެ.

comment ކޮމެންޓް