އައްޑޫގައި ޓެސްޓު ކުރެވޭގޮތް ނެތުމުން މަޖިލީހަށް ކުއްލި މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅުއްވި މައްސަަލައަކީ އެ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތާއި، ރައްކާތެރިކަމުގެ ވަސީލަތްތަކާއި ފަރުވާދޭނެ އެކަށޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމު ވިދާޅުވެފައިވަނީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫސިޓީގައި ކަމަށާއި އެ ސިޓީ އިން ނަގާ ސާމްޕަލްތައް މާލެ ގެނައުމަށް ފްލައިޓެއް ޗާޓަރު ކުރަންޖެހުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ.

އަދި އެ ސިޓީގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ނަރުހުން ބޭނުން ކުރުމަށް އެކަށީގެންވާ މިންވަރަށް ސަލާމަތީ ވަސީލަތްތައް ނެތްކަމުގެ ޝަކުވާ އެ ފަރާތްތަކުން ކުރަމުންދާ ކަމަށާއި އަދި ކޮވިޑަށް ފަރުވާދިނުމަށް އެކަށީގެންވާ މިންވަރަށް ތަމްރީނު ވެފައިވާ ޑޮކްޓަރުންނާއި ނަރުހުންވެސް ނެތް ކަމަށް ބުނެފައިވެއެވެ.

ޝިޔާމު ހުށަހެޅުއްވި ކުއްލި މައްސަލާގައި އިތުރަށް ވިދާޅުވެފައިވަނީ އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައިނުވާ ކަމަށާއި އެ ސިޓީގައި ވަކިން އޮންނަ ހުުޅުދޫ، މީދޫ ގެ ރައްޔިތުންގެ ހިޔާލުވެސް ކޮވިޑާ ގުޅިގެން ނިންމަންޖެހޭ ކަންތައްތަކުގައި ހޯދަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ކޮމިޔުނިޓީ ސްޕްރެޑަކަށް އައްޑޫގައި ބަލީގެ ހާލަތު ގޮސްފިނަމަ ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީނުކޮށް ފަރުވާދޭނެ ޕްލޭނެއް ނެތްނަމަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން އައްޑޫސިޓީގައި ޓެސްޓް ކުރެވޭނެ ނިޒާމު ގާއިމުކޮށް ރައްކާތެރި ކަމުގެ ވަސީލަތްތައް ހަމަކޮށްދީ ފަރުވާދެވޭނެ ނިޒާމެއް ވީ އެންމެ އަވަހަށް ގާއިމުކުރުމަށް ޝިޔާމު ވަނީ ގޮވާލައްވައިފައެވެ.

އައްޑޫ ސިޓީ އިން ހުކުރު ދުވަހުގެރޭ މާލެ ގެނައި ހިތުގެ ބަލިމީހެއް އައިޖީއެމްއެޗަށް ގެންގޮސް ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ދެއްކުމުން ހޮނިހިރު ދުވަހު އެ ސިޓީ ލޮކްޑައުން ކުރިއެވެ. ނަމަވެސް ފަހުން އެއީ ފޯލްސް ޕޮޒިޓިވް އެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާޢްޖޭގައި މިހާތަނަށް 862 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު 31 މީހަކު ވަނީ ރަނގަޅުވެފައެވެ. ބަލީގައި މަރުވެފައިވަނީ ތިން މީހުންނެވެ.

comment ކޮމެންޓް