މި ހަފްތާގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ އިރު އުތުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މެޓް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނަ އަދަދަކަށް ވިއްސާރަވިލާ އަރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދެެއްގެ ވިއްސާރަވިލާ އުފެދެމުންދާ ކަމަށާއި މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަވާން ފަށާ ދުވަސްވަރު ކަމަށެވެ.

މެޓް އޮފީހުން ބުނީ މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މި ވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މެދުރާއްޖެތެރެއާއި ދެކުނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް